މުޅި ދުނިޔެ ސިއްސުވާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށިގެން އައ ދުވަސްވަރު، އެކަކު އަނެކަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައްކަމުން އައީ ރީތި މިސާލެކެވެ. ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރަންޖެހުމުގެ އިތުރުން، ގެތަކުގައި ބަންދުވެގެން ތިބެން ޖެހުނުއިރުވެސް އެއްބަޔަކު ދިޔައީ ވާޗުއަލް ޕްލެޓްފޯމުތައް މެދުވެރިކޮށް، އަނެއް ބަޔަކަށް އޯގާތެރިކަމާ، އަޅާލުމާ ހަމްދަރުދީ ފޯރުކޮށްދެމުންނެވެ. އެތައް މަހެއް ވަންދެން ބައްދަލު ނުވެ ތިބި ރައްޓެހިންވެސް އެކަކު އަނެކަކަށް ގުޅާ، ހާލު ބަލަމުންދިޔައެވެ.

ނަމަވެސް، ބަލިމަޑުކަން ދިގުލާ އަހަރުގެ 2 ބައިކުޅަ 1 ބައި ފާއިތުވެ ގޮސްފައިވާއިރު، އާ އާންމު ހާލަތުގެ ގޮތުގައި ދިރިއުޅުން ފަށައިގަނެ، ތަކުލީފުތަކަކާއެކު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އެމެރިކާގެ ގިނަ އަދަދެއްގެ ޒުވާނުންނަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.

އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯ (ސީޑީސީ) އިން ކޮންމެ ހަފުތާއަކުވެސް ޝާއިއު ކުރަމުންދާ މޯބިޑިޓީ އެންޑް މޯޓާލިޓީ ރިޕޯޓްގެ ރެކޯޑްތަކަށް ބަލާއިރު، ނަފްސާނީ ބަލިމަޑުކަމުގެ ނުރައްކާ ދަނީ އިންތިހާއަށް ބޮޑުވަމުންކަން ފާހަގަކުރަންޖެހެއެވެ.

ލައިބީރިއާގައި ނަފްސާނީ ބަލީގެ މީހުންނަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލެއްގައި ހުރި ޕޭޝަންޓެއް/ފޮޓޯ: ވާލްޑްބޭންކު

2019 ވަނަ އަހަރާ އަޅާ ބަލާއިރު، ޒުވާނުންގެ މެދުގައި، އަމިއްލައަށް މަރުވުމުގެ ފިކުރުގެ އުނދަގޫތައް ތަހައްމަލު ކުރާ މިންވަރު، މިއަހަރު ވަނީ އިތުރުވެފައެވެ. އުމުރުން 18 އަހަރާ 24 އަހަރާ ދެމެދުގެ ޅަ ޒުވާނުންނަށް ބަލާއިރު، ކޮންމެ 4 މީހަކުން 1 އަކީ މި ފިކުރާ ހަނގުރާމަ ކުރަމުންދާ ބައެއް ކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓަކީ ޖޫން 24 އިން 30 އަށް ހޭދަވި މުއްދަތުގައި، 5412 ބައިވެރިއެއްގެ ކިބައިން އެއްކުރި، ފާއިތުވީ 30 ދުވަހުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ސީޑީސީން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެމެރިކާގެ އާންމު އާބާދީން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 11 ޕަސެންޓް މީހުން ވަނީ، ސާވޭ ކުރި ދުވަހުގެ ކުރިއަށް ފާއިތުވީ 30 ދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ފިކުރާ ހަނގުރާމަ ކޮށްފައެވެ. މިމައްސަލަ އެންމެ ބޮޑީ އެމެރިކާގެ ކަޅު އަދި ހިސްޕެނިކް ނަސްލުގެ ޒުވާނުންގެ މެދުގައިކަންވެސް ފާހަގަކުރަންޖެހެއެވެ.

2019 ވަނަ އަހަރާ އަޅާ ބަލާއިރު، އެންޒައިޓީގެ ތަކުލީފުތައް ރިޕޯޓްކުރި މިންވަރުވެސް މިއަހަރު 3 ގުނަ އިތުރުވެފައިވާކަމަށް ސީޑީސީން ބުނެއެވެ.

މި ބަލިމަޑުކަމަކީ އާ ގޮންޖެހުމެއް

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ ސީނިއާ ޑައިރެކްޓަރެއް ކަމަށްވާ ވޭއީލް ރައިޓް ވިދާލުވީ، މީގެ ކުރީގެ ހާދިސާތަކަކީ ފެށުމަކާ، މެދު ތެރެއަކާ ނިމުމެއް އޮތް ހާދިސާތަކެއް ކަމަށެވެ. ނަމަވެސް، މިހާރު ކުރިމަތިލާންޖެހިފައިވާ ބަލިމަޑުކަމުން އެކަހެރިވެވޭނެ އެއްވެސް މީހަކު ނެތްކަން އޭނާ ފާހަގަކުރިއެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ހާސްވެ މާޔޫސްވެފައި އިން މީހެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އާރްއެފްއައި

ސެޕްޓެމްބަރު 11 ގެ ހަމަލާއާއި، ތޫފާންތަކާ ހިލާފަށް، ކޮވިޑް-19ގެ ވާހަކައަކީ މީހުން ހަމައެކަނި ޚަބަރަކުން ބަލާލާ ހާދިސާއެއް ނޫން ކަމަށާ، މިއީ ވަކި ތަނަކާ ވަކި ވަގުތަކަށްވެސް ހާއްސަ ކަމެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. ރައިޓް ވިދާޅުވާ ގޮތުގައި، މި ބަލިމަޑުކަމާއެކު ކުރިމަތިވާ ސްޓްރެސްއަކީވެސް އެއްވެސް މީހަކަށް އެކަމުން ދިފާއު ހޯދޭނެ ސްޓްރެސްއެއް ނުވަތަ ނުތަނަވަސްކަމެއް ނޫނެވެ.

ސީޑީސީގެ ރިޕޯޓަށް ބަލާއިރު، ނަފްސާނީ ގޮތުން ހައްސާސް ތަކުލީފުތަކަކާ އެންމެ އާންމު ކޮށް ކުރިމަތިލަމުންދަނީ، މިފަދަ މައްސަލަތަކަށް މީގެ ކުރިން ފަރުވާ ހޯދާފައިވާ މީހުންނެވެ. ވަކިން ހާއްސަކޮށް، ޅަ އުމުރުގެ ޒުވާނުންނެވެ.

އެހީ ހޯދާނީ ކިހިނެއް؟

ފުރަތަމަވެސް އޮތީ އަމިއްލައަށް ކުރެވިދާނެ ކަންތައްތަކެއްގެ ވާހަކައެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ތަނބުތަކުގެ ގޮތުގައި ސިފަކުރަމުން އަންނަ ފައިދާ ހުރި ކާނާ ބޭނުން ކުރުމާ، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމާ، ހަމަ ނިދި ހޯދުމާ، އިޖުތިމާއީ ބަދަހިކަން ގާއިމުކުރުމެވެ. ނަމަވެސް ނަފްސާނީ ބަލީގެ ތަކުލީފުތައް އުފުލަމުންދާއިރު، މިއީ އަމިއްލަ ނަފްސަށް ކޮށްދެވޭނެ ކަންކަމަށް ފަހަރުގައި ނުވެދާނެއެވެ. ރަހުމަތްތެރިންނާ، އާއިލާ މެމްބަރުން އިސްނަގައިގެން ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީއެވެ.

މާޔޫސްވެ ކަންބޮޑުވެފައި ހުރި ފިރިހެނެއް/ފޮޓޯ: އެންޑްރޯލޮޖީ ސެންޓާ

ރައިޓް ވިދާޅުވީ، އާންމުކޮށް ވާހަކަދައްކާ އުޅޭ މީހަކު މި ދުވަސްކޮޅު ކުއްލިއަކަށް ދުރުވެއްޖެނަމަ، އެއީ އެމީހަކަށް ގުޅައިގެންވެސް ހާލު އަހުވާލު އޮޅުން ފިލުވަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި އެމީހަކަށް ނަފްސާނީ އެހީ ބޭނުންވާ ކަމަށް ވަނީ ނަމަ، ކަމާ ބެހޭ ތަޖުރިބާކާރެއްގެ އެހީ، އެމީހަކަށް ހޯދާ ދިނުމަށް ހިތްވަރު ދީ، އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރައިޓް ވަނީ ގޮވާލައްވާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ނަފްސާނީ ބަލީގެ ޑޮކްޓަރުންނާ ތެރަޕިސްޓުންގެ ހިދުމަތްތަކުގެ ބޮޑު ބައެއް އޮންލައިން ޕްލެޓްފޯމަށް ނުވަތަ ޓެލެމެޑިސިން ކޮންސެޕްޓަށް ބަދަލުކޮށްފައިވާއިރު، މިއީ މިހާރު ކުރަން ފަސޭހަ ކަމެއް ކަމަށްވެސް ރައިޓް ވަނީ ފާހަގަކޮށްފައެވެ.