އީރާނާއެކު ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރި ކުރުމާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުގެ މުހުލަތު އިތުރު ކުރުމަށް އެމެރިކާއިން ހުށަހެޅި ބިޑް ބަލައިގަތުމަށް، އދގެ ސަލާމަތީ މަޖިލީހުން އިންކާރު ކޮށްފިއެވެ.
މިއާއެކު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ އީރާނާ ދެކޮޅަށް އދ މެދުވެރިކޮށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެމެރިކާއިން ދިން އިންޒާރާ ދެކޮޅަށް ތެދުވުމަށް ބައިނަލްއަގުވާމީ ލީޑަރުންގެ ހާއްސަ ސަމިޓެއް ބޭއްވުމަށް ހުށަހަޅުއްވާފައެވެ.
އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރި މަނާ ކުރާ ފިޔަވަޅުގެ މުހުލަތު، މުއްދަތެއް ނެތް ގޮތަށް އިތުރު ކުރުމަށް އެމެރިކާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ބިޑަށް ތާއީދު ކުރީ ޑޮމިނިކަން ރިޕަބްލިކުން އެކަންޏެވެ. މި ކަން ތަންފީޒު ކުރުމަށް އެމެރިކާއަށް "އާނ" ބަސް ބުނާ 9 ވޯޓު ބޭނުން ވެއެވެ. 15 މެމްބަރުން އެކުލެވޭ ސަލާމަތީ މަޖިލީހުގައި ހިމެނޭ ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ރަޝިއާއާއި ޗައިނާއިން ވަނީ، 13 އަހަރު ދުވަހަށް އޮތް ފިޔަވަޅުގެ މުހުލަތު އިތުރު ކުރުމާ ދެކޮޅަށް ވަކާލާތު ކޮށްފައެވެ. އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި ސުލްހައިގެ އެއްބަސްވުމާއެކު، ހަތިޔާރު ގަނެވިއްކުމަށް އޮތް ދަތި ކުރުމުގެ ފިޔަވަޅުގެ މުހުލަތު، މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހަމަވާނެއެވެ.
އެމެރިކާގެ ބިޑް ކާމިޔާބު ކުރުމަށް އެ ގައުމުން ފެއިލްވިއިރު، ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތާގެ ދިފާއަށް ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހުން ފެއިލްވި ފެއިލްވުމަކީ ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާއިން ބޭނުންވާ ގޮތަށް މުއްދަތެއް ނެތް ގޮތަށް ދަތިކުރުމުގެ ފިޔަވަޅުގެ މުހުލަތު ދަންމާލުމަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި އަރަބި ގަލްފު ސަރަހައްދުގެ 6 ގައުމެއްގެ އިތުރުން އިސްރާއީލުވެސް ހިމެނެއެވެ. ދަތިކުރުމުގެ ފިޔަވަޅުގެ މުހުލަތު ހަމަވުމާއެކު، އީރާނުން އިންތިހާ ނުރައްކާ ކުރިމަތިކުރުވާނެކަން މި ގައުމުތަކަށް އެނގޭނެ ކަމަށްވެސް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.
ޗައިނާއިން އދށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝާންގް ޖުން ވިދާޅުވީ، މިކަމަކީ، ކާމިޔާބު އޮތީ އެންމެން އެކަތިގަނޑަކަށް ވެގެން ހާސިލުވާ އެއްޗެއް ކަމާ، ހަނގާ ކުރުން ނުވަތަ ބުލީ ކުރުމަކީ ފެއިލްވުންކަން އަންގައިދޭ ކަމެއް ކަމަށެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާ ބޮޑުތަނުން އެމެރިކާ ފެއިލްވުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.