ސަފާރީ ބޯޓުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނާއި ފަޅުވެރިން، މީހުން އުޅޭ ރަށްރަށަށް ނުފޭބުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެދެފިއެވެ.

އެންބީއޭއެމް އިން ބުނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ސަފާރީތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ނުފޭބުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ސަފާރީތަކަށް ނޭރުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ނަމަވެސް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއެކު އިލެކްޓްރީޝަނުން، މެޑިކަލް ވޯކަރުން އަދި އިންޖިނިއަރުން ފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ސަފާރީތަކަށް އެރިދާނެ ކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ.

ސަފާރީތަކުގައި ތިބި ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު މިހާރު ހުޅުމާލޭގައި ހަމަޖައްސާފައިވާއިރު އެމްބީއޭއެމް އިން ވަނީ ފަތުރުވެރިންގެ ޓެސްޓު ހެދުމަށް ދުރާލާ ޕްރީ ބުކިން ހެއްދުމަށް އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުގައި މި ސިނާއަތުގެ އެންމެހައި މަސްލަހަތުވެރިންދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޒިުކުރުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން ކަމަށް މީގެ ކުރިން އެ އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15ގައެވެ. ސަފާރީތަކަށްވެސް ވަނީ އޮޕަރޭޓު ކުރަން ހުއްދަދީފައިވާއިރު މިހާތަނަށް 50 އަށް ވުރެ ގިނަ ސަފާރީ އަށް ވަނީ ހުއްދަ ދީފައެވެ.