ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެނަމަ އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ގެއިން ބޭރުގައި ހުއްޓާ ޕޮޒިޓިވްވިކަން އެނގިއްޖެނަމަ އަވަހަށް ސާޖިކަލް މާސްކް އަޅައިގެން ގެއަށް ދިއުމަށް ވަނީ އަންގާފައެވެ. އެގޮތުން އެހެން މީހަކު އިން ދުއްވާ އެއްޗެއްގައި ގެޔަށް ދިޔުމުގެ ބަދަލުގައި ހިނގާފައި ވީހާއަވަހަށް ގެއަށް ދިއުމަށް ވެސް ވަނީ އަންގާފައެވެ.

އެގޮތަށް ދެވެން ނެތްނަމަ މީހުންނާ ވީހާވެސް އެކަހެރިކޮށް ރައްކާތެރިކަމާއެކުގައި ސާޖިކަލް މާސްކް އަޅައިގެން، ގެއަށްގޮސް ގޭގެ ވަކި ކޮޓަރިއެއް ހުރިނަމަ ކޮޓަރީގައި އެކަހެރިވާން އުސޫލުގައި ވަނީ ބާޔާންކޮށްފައެވެ. އަދި ވަކި ކޮޓަރިއެއް ނެތްނަމަ ސާޖިކަލް މާސްކް އަޅައި އެހެންމީހުންނާ އެކަހެރިވެގެން ހުރުމަށް ވަނީ އަންގާފައެވެ.

ގޭގައި ހުއްޓައި ޕޮޒިޓިވްވިކަން އެނގިއްޖެނަމަ ގޭގައި ވަކި ކޮޓަރިއެއް ހުރިނަމަ އެތަނެއްގައިއެކަހެރި ވުމަށާއި އަދި ވަކިކޮޓަރިއެއް ނެތްނަމަ މާސްކުއަޅައި އެހެންމީހުންނާ އެކަހެރިވުމަށް ވަނީ އަންގާފައެވެ. އަދި ގޭގައި ދިރިއުޅޭ އެހެން މީހުންވެސް މާސްކް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅަންވާނެ ކަމަށް އުސޫލުގައި ވެއެވެ.

އުސޫލުގައި ވާ ގޮތުން ޕޮޒިޓިވްވާ މީހާ ބެހެއްޓުން އެންމެ އެދެވިގެންވަނީ ވައިދަރުވާގޮތަށް އަދި ފާހާނާ ހުރިކޮޓަރިއެއްގައެވެ. އަދި ބޭނުންކުރުމަށް ތަށި، ސަމުސާ، ތުވާލި އަދި ބެޑުޝީޓު، ބާލީސް ފަދަ ތަކެތި ބަހައްޓަންވާނީ ވަކި ކޮށް ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ޕޮޒިޓިވްވާ މީހުންގެ ޒިންމާތަކުގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީއަށް ދިޔުމަށްޓަކައި ތަކެތި ތައްޔާރުކުރަން ޖެހެއެވެ. އަދި ގޭގައި ދިރިއުޅޭ އެހެން މީހުންނާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ފެސިލިޓީއަށް ގެންދިއުމަށް ބަލާ އައުމުން އިންކާރު ނުކޮށް ދާންވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދިރިއުޅޭ ތަނުގެ ސާފުތާހިރުކަމާއި އަމިއްލަ ސާފުތާހިރުކަން ދަމަހައްޓަންވާނެ ކަމަށާއި ކޮޓަރިން ނިކުންނަން ޖެހިއްޖެ ހާލަތުގައި ނުވަތަ އެހެން މީހަކު ކޮޓަރިއަށް ވަންނަންޖެހޭ ހާލަތުގައި ޕޮޒިޓިވްވެފައިވާ މީހާއާއި ގޭގެ އެހެން މެމްބަރުން މާސްކް އަޅަންވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ގޭގައި ދިރިއުޅޭ އެހެން މީހުންނާ މަދުވެގެން 3 ފޫޓު ގައިދުރުމިން ބަހައްޓައި، ހާއްސަގޮތެއްގައި ގޭގައި 60 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ މީހުންނާ ވީވަރަކުން އެއްތަން ނުވުމަށް ވަނީ އުސޫލުގައި ބަޔާންކޮށްފައެވެ.

ހަމައެއާއެކު ހާލުބެލުން ޕޯޓަލް ރަޖިސްޓްރީ ވުމަށް ވެސް ވަނީ އަންގާފައެވެ. އަދި މީޓަރެއް ބޭނުންކޮށްގެން ދުވާލަކު އެއްފަހަރު ހުން ބެލުމާއި 'ހާލުބެލުން' ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީހާލަތު ކޮންމެ ދުވަހަކުވެސް ހިއްސާ ކުރަންވާނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.

އިއްޔެ 143 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހުންނާއި ނޭޕާލްގެ 3 މީހެއްގެ އިތުރުން ސްރީލަންކާގެ 2 މީހަކާއި އިޖީޕްޓްގެ އެކަކެވެ.

މިހާރު ކޮވިޑް ބަލީގައި 2461 މީހަކަށް ފަރުވާ ދެމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި 150 މީހަކަށް ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5366 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.