މި އަހަރުގެ ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ތާވަލު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގައެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ. ދެވަނަ ޓާމްގައި ކިޔަވައިދޭނީ 113 ދުވަހުއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ޖޫން މަހުގެ 24 ގައި ނިމޭއިރު ޗުއްޓީ ލިބެނީ ޖޫން މަހުގެ 27 އިން ފެށިގެން އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބަދަލާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު ފަށާނީ 10 އޮގަސްޓުގައި ކަމަށް އެކަޑަމިކް ކަލަންޑަރުގައި ވަނީ ތަވާލު ކޮށްފައެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ޑިސެމްބަރު ތިން ވަނަ ދުވަހު ނިމޭއިރު ފުރަތަމަ ޓާމުގެ ޗުއްޓީ ޑިސެމްބަރު ހަ ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކަނޑައަޅާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
އަލުން ސްކޫލްތައް ހުޅުވާފައިވަނީ މިދިޔަ މަހު އެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ.
ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ އަނެއްކާވެސް މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފަ އެވެ.