ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ރަޖިސްޓްރީ ކުރި ރަޝިއާގެ 'ސަޕްޓްނިކް-5' ވެކްސިން، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް ރަޝިއާގެ ސިއްހަތާ ބެހޭ ވަޒީރު މީކާއީލް މުރަޝްކޯ ވިދާޅުވެއްޖެއެވެ.

ގިނަ ބަޔަކު ވެކްސިނަށް އުއްމީދު ކުރަމުންދާ މި ދަނޑިވަޅުގައި ރަޝިއާއިން އުފެއްދި 'ސްޕަޓްނިކް-5' ވެކްސިންގެ ފުރަތަމަ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރުންނަށް ކަމަށާ، އާންމުންނާ ހިސާބަށް ވެކްސިންގެ ޑޯޒްތައް ލިބޭނީ އޭގެ ފަހުން ކަމަށްވެސް ސިއްހަތާ ބެހޭ ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ފުޅާ ދާއިރާއެއްގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށްދާނީ ދާހިލީ ފެންވަރެއްގައި ކަމަށްވެސް ވަޒީފު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ރަޝިއަން ފަންޑް އޮފް ޑައިރެކްޓް އިންވެސްޓްމަންޓް (އާރްޑިފް) އިން ދަނީ، ބޭރުގެ ފަރާތަކާ ގުޅިގެން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރަމުން ކަމަށްވެސް ޚަބަރު ލިބެއެވެ.

ރަޝިޔާގެ ރައިސް ވްލޭޑްމިއާ ޕޫޓިން (ރީނދޫ ހެޒްމެޓް ސޫޓްގައި) ކޮވިޑް-19ގެ ޕޭޝަންޓުންނަށް ޒިޔާރަތް ކުރައްވަނީ/ފޮޓޯ: ޕޮލީގްރާފް އިންފޯ

ސްޕަޓްނިކް-5 ރައްކާތެރިތަ؟

ފަންނީ ގޮތުން ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ގަމާލެޔާ ރިސާޗް އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޛި އެންޑް މައިކްރޮބައޮލޮޖީގެ އިސްވެރިޔާ އެލެކްޒެންޑާ ގިންޓްސްބާގް ވިދާޅުވީ، 'ސަޕްޓްނިކް-5' ވެކްސިން ބިނާކޮށްފައިވަނީ ފުރިހަމައަށް ކުރިއަށް ގެންދިޔަ ސައެންޓިފިކް ދިރާސާތަކެއްގެ މައްޗަށް ކަމަށާ، އެއީ މީގެ އެތައް އަހަރެއް ކުރީއްސުރެ އެއްކޮށްފައިވާ މައުލޫމާތު ކަމަށެވެ.

'ސްޕަޓްނިކް-5' އުފެއްދުމަށް މައުލޫމާތު އެއްކުރި ޕްލެޓްފޯމު ތަރައްގީ ކުރަމުން އަންނަތާ 25 އަހަރު ވެފައި ވާ ކަމަށާ، މި ޕްލެޓްފޯމަކީ ޖީން ތެރެޕީގެ މަގުސަދަށް ތަރައްގީ ކުރަމުންދިޔަ ޕްލެޓްފޯމެއް ކަމަށެވެ. ނަމަވެސް، 2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ޕްލެޓްފޯމުގެ ބޭނުން ކުރަނީ އަވަސް އަވަހަށް ބަދަލު ވަމުން އަންނަ ވައިރަސްތަކަށް ފަރުވާ ދޭނެ ބޭސް އުފެއްދުމުގެ މަގުސަދަށް ކަމަށްވެސް ގިންޓްސްބާގް ވަނީ ވިދާޅުވެފައެވެ. އެބޯލާއާއި މާސް ރޯގާ ފަދަ ބަލިތަކަށްވެސް ވެކްސިން ތަރައްގީ ކުރީ މި ޕްލެޓްފޯމުގެ އެހީގައި ކަމަށް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

'ސްޕަޓްނިކް-5' އުފައްދަން ބޭނުންކޮށްފައިވަނީ ވަކި ހާއްސަ ޓެކްނޮލޮޖީއެއް ނޫންކަމަށާ، އެއީ އިނގިރޭސިވިލާތާ ޗައިނާއިންވެސް ބޭނުން ކުރާ ޓެކްނޮލިޖީއެއް ކަމަށާ، ނަމަވެސް ރަޝިއާއަށް މި ކަމުގައި ފައިދާތަކެއް އޮތީ ކަމަށް ގިންޓްސްބާގް ވިދާޅުވިއެވެ.

ގިންޓްސްބާގް އިތުރަށް ވިދާޅުވީ، ރަޝިއާގެ ވެކްސިންގައި 'ޑިޖިޓަލް ޕާސްޕޯޓެއް' ހިމެނޭނެ ކަމަށާ، ވެކްސިން ދަތުރު ކުރާ ގޮތުން، އޭގެ ނަތީޖާ ޓްރޭސްކޮށް، ދިރާސާ ކުރެވެމުންދާނެ ކަމަށެވެ.

މިހާތަނަށް ޖަނަވާރާ އިންސާނުންގެ ހަށިގަނޑުގައިވެސް ވެކްސިން ޓެސްޓު ކޮށްފައިވާއިރު، އެއްވެސް މީހަކަށް ބަލީގެ އިންފެކްޝަންގެ އަސަރު ކޮށްފައި ނުވާ ކަމަށް މުރާޝްކޯ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވަނީ ރަޝިއާގެ ވެކްސިނާ ގުޅިގެން ފަންނީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާ، ވިލަރެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރަޝިއާއިން އުފެއްދި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ކުޑަކުދިންނާ ދޮށީ އުމުރުގެ މީހުންނަށް ވެކްސިނެއް

ގިންޓްސްބާގް ވިދާޅުވީ ދޮށީ އުމުރުގެ މީހުންނާ ކުޑަކުދިންނަށްވެސް ދޭނީ ހަމަ މި ވެކްސިން ކަމަށާ، ތަފާތު ވާނީ ޑޯޒްކަމަށެވެ. މީގެ އިތުރުން، ވެކްސިން ދޭނެ ގޮތާ ބެހޭ އިތުރު ދިރާސާތަކެއް ހަދަން އަދިވެސް ބޭނުންވާ ކަމަށާ، ބޮޑެތި މީހުންނަށް ވެކްސިން ދީގެން ކުރިއަށް ގެންދާ ތަހުލީލުތައް މުޅިން ނިމުމުން މިކަމަށް މަސައްކަތް ފެށޭނެ ކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ކުޑަކުދިންނަށްވެސް ވެކްސިން ދޭ އިރު 3 ގިންތިއަކަށް ބަހައިގެން މޮނިޓާ ކުރަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ދޮށީ އުމުރުގެ ކުޑަކުދިންނާ، މެދު އުމުރުގެ ކުދިންނާ، ޅަ އުމުރުގެ ކުދިންގެ ގިންތިއެވެ.

ދޮށީ އުމުރުގެ މީހުންނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، އުމުރުން 68 އަހަރުގެ ގިންޓްސްބާގް ވިދާޅުވީ، ޚުދު އޭނާވެސް މީގެ 5 މަސް ދުވަސް ކުރިން ވެކްސިން ޖެހި ކަމަށާ، އަދި މިހާތަނަށް އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ރަޝިއާއިން ތައްޔާރުކުރި ކޮވިޑް-19ގެ ވެކްސިން އެކުލެވޭ 2 ޑޯޒްއެއްގެ މައްޗަށެވެ. މި 2 ޑޯޒްއަކީވެސް އިންޖެކްޓް ކުރާ ނުވަތަ ސިރިންޖުން ހަށިގަނޑަށް ކަށި ހަރައިގެން ދޭ ޑޯޒްތަކެކެވެ. 2 ވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒްއަށް 3 ހަފުތާ ވުމުންނެވެ.