އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނޯ ކޮންފިޑެންސް މޯޝަންގެ ވާހަކަ އަކީ ކުޅޭ ޑްރާމާއެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ އެކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ނޯ ކޮންފިޑެންސް މޯޝަންގެ ވާހަކަ އަކީ ސަރުކާރުގެ ނާގާބިލް ކަމުގެ ނާޖާއިޒް ފައިދާ ނަގާ ބައެއްގެ ދަންމަޅި ތަކުގެ ބޮޑު ބޮޅެއް އިތުވާތީ ކުޅޭ ޑްރާމާއެއް ކަމަށެވެ.

އެކަމަކީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާކަމެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި ގައުމުގެ މިސްރާބު ނުކިއްސަރު ކަމަށާއި ރައްޔިތުން ހޭލުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅާ ލިޔުމުގައި 20 މެންބަރަކު ސޮއިކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ބޭނުން ވަނީ 14 މެންބަރުންގެ ސޮއިއެވެ. މިހާރު އަދަދު ހަމަކޮށްފައި ވާއިރު، މި ހަފްތާގައި މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް ވަނީ ހަބަރު ލިބިފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާޒުގެ އިތުބާރު ނެތްކަމަށް ތާއީދު ކުރައްވާ އިރު އޭނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އެމްޑީޕީ ބައެއް މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.

އޭގެ ތެރޭގައި އެއެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމްގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހިމެނެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މިނިސްޓަރު ފައްޔާޒަކީ އެމްޑީޕީގެ ސީނިއާ ބޭފުޅެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާރު ބޭރުކުމުގެ މަސައްކަތް ކުރަނީ އެމްޑީޕީގެ ވައުދު ފުއްދުމުގައި އެ މިނިސްޓަރުގެ ދައުރު ކުޑަކަން ފާހަގަ ކުރެވޭތީ ކަމަށް ބުނެފައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.