މިހާރު ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 2461 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 143 މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އެގޮތުން . މިއަދު ޕޮޒިޓިވް ވި 143 މީހުންގެ ތެރޭގައި 140 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލެއިންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 3 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހުންނާއި އިންޑިއާގެ 10 މީހުންނާއި ނޭޕާލްގެ 3 މީހެއްގެ އިތުރުން ސްރީލަންކާގެ 2 މީހަކާއި އިޖީޕްޓްގެ އެކަކު ހިމެނެއެވެ.

ހަމައެއާއެކު މިހާރު ކޮވިޑް ބަލީގައި 2461 މީހަކަށް ފަރުވާ ދެމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި 150 މީހަކަށް ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިއަދު 35 މީހުން ވަނީ ބަލިން ރަނގަޅު ވެފައި ކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5366 އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 14 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ ކެލައާއި، އިހަވަންދުއާއި ބ. އޭދަފުއްޓާއި، ކަމަދުއާއި، ހިތާދުއާއި، ސީސައިޑު ފިނޮޅާއި، ޅ. ހިންނަވަރާއި، ކުރެއްދޫގެ އިތުރުން ކ. މާފުއްޓާއި ވ. ފުލިދުއާއި ޏ. ފުވައްމުލަކާއި ސ. ހިތަދޫއާއި ފޭދޫއާއި ޅ. ނައިފަރެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނެކެވެ. 79 އަހަރުގެ އަންހެނެކާއި 67 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ އަންހެނެއްގެ އިތުރުން 89 އަހަރުގެ ފިރިހެނަކާއި 80 އަހަރުގެ އަންހެނަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.