މާދަމާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިދިކޮޅު ކޯލިޝަނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިއަދު ކޮމިޝަނާ އޮފް ޕްރިޒަންސް އަދި ޕޮލިސް ކޮމިޝަނާއާ ބައްދަލުކުރައްވަން ވަޑައިގެންނެވުމަށްފަހު ވެލާނާގޭ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އިދިކޮޅު ޕާޓީ ޕީއެންސީގެ ރައީސް އަބްރުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ކޮމިޝަނާ އޮފް ޕޮލިސް އަދި ކޮމިޝަނާ އޮފް ޕްރިޒަންސްއާ ބައްދަލުކުރައްވަން ވަޑައިގަތުމުން ދެ ބޭފުޅުންނާވެސް ބައްދަލުނުކުރެއްވުނު ކަމަށެވެ.

ކޮމިޝަނަރުންނާ ބައްދަލުކުރަން އެދިވަޑައިގެންފައިވާތާ މިއަދަށް އެއް މަހާ 12 ދުވަސްވެފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއަށް ޖަވާބެއް ދެއްވާފައިނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ހޯމް މިނިސްޓްރީއަށް ވަޑައިގަތުމުން މިނިސްޓަރު މާދަމާ މެންދުރު 1:00ގައި ބައްދަލުކުރައްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ މިސަރުކާރަކީ އިދިކޮޅު ފަރާތްތަކާ ބައްދަލުކުރުމުގެ ގާބިލުކަން ނެތް ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށައި ރައީސް އިބްރާހިމް މިހައްމަދު ސޯލިހް ސިޔާސީ ފަރާތްތަކާއެކު ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި ނަމަވެސް ވާހަކަދައްކަވަން އެދިވަޑައިގަންނަވަނީ ކޮން ސިޔާސީ ފަރާތްތަކަކާ ކަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، އަދި މުޅި ގައުމަށް ކަމަށެވެ. އަދި ފައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.