ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ވެކްސިނެއް ރަޖިސްޓްރީކޮށް، އިންސާނަކަށް ދީފައިވާ ކަމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން އިއްޔެ ހާމަ ކުރައްވާފައިވާއިރު، "ސްޕަޓްނިކް-5"ގެ ނަން ދީފައިވާ މި ވެކްސިންއާ ގުޅޭ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ފާޑުވެރި ރޫހެއްގައި، ޑަބްލިއުއެޗްއޯއިން ވަނީ، ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކުރިއެރުންތައް ހޯދުމުގައި ސަލާމަތާ ރައްކާތެރިކަމާ ގުޅުންހުރި ކަންކަން ގުރުބާން ނުކުރުމަށް ގޮވާލާފައެވެ.

އަނަދޯލޫ ނިއުސް އޭޖެންސީން ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑަބްލިއުއެޗްއޯގެ ތަރުޖަމާނެއް ކަމަށްވާ ތޯރިގު ޖަސެރަވިޗް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އާންމު ދިރިއުޅުމާ އިގުތިސޯދުތަކަށް ނުރައްކާ ކުރިމަތިވެފައިވާކަމަށެވެ. އަދި އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް ސާބިތު ކުރެވިފައިވާ ފިޔަވަޅުތައް އަޅަމުންދާންޖެހޭނެ ކަމަށާ، ބަލިން ދިފާއުވެވޭނެ މަގުތަށް ހޯދުމުގައި އިންވެސްޓްކޮށް، އެ ރޮނގުން ބިނާކުރަނިވި ތަރައްގީ ހާސިލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ރަޝިއާގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ، ގަމަލެޔާ ނޭޝަން ރިސާޗް ސެންޓަރުން ތަރައްގީ ކުރި ވެކްސިން، ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައި ވާ ކަމަށެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ވިދާޅުވީ، ރަޝިއާގެ ސިއްހަތާ ބެހޭ އޮފިޝަލުންނާ ވަރަށް ގާތުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާ، ވެކްސިންގެ ޕްރީ-ކޮލިފިކޭޝަންއާ ބެހޭ މަޝްވަރާތައްވެސް ކުރިއަށްދާ ކަމަށެވެ. ވެކްސިނަކަށް ޕްރީ-ކޮލިފިކޭޝަން ސިއްކަ ދޫކުރުމަށް، ފުޅާ ދާއިރާއެއްގައި ތަހުލީލުތަކަކާ މުރާޖައާތަކެއް ކުރަންޖެހެއެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތް، 100 އެތައް ގުރޫޕުން ކުރަމުންދާއިރު، ޑަބްލިއުއެޗްއޯއިން ވަނީ މިކަމާ ބެހޭ އެންމެ ފަހުގެ ތަފްސީލުތައް ހަފުތާއަކު އެއް ފަހަރު ހިއްސާ ކުރަމުންނެވެ. އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 25 ކެންޑިޑޭޓެއް ކްލިނިކަލް އިވަލުއޭޝަން މަރުހަލާގައި އޮތްއިރު، 139 ކެންޑިޑޭޓެއް އުޅެނީ ޕްރީ-ކްލިނިކަލް އިވަލުއޭޝަންގައެވެ.

ރަޝިއާއިން ޚަބަރު ދޭ ގޮތުގައި ސްޕަޓްނިކް-5 (ކޮވިޑް-19 ވެކްސިން) ހޯދުމަށް ދުނިޔޭގެ އެކި ހިސާބުތަކުން 20 ގައުމަކުން، 1 ބިލިއަން ޑޯޒަށް މިހާރުވެސް ވަނީ އޯޑަރު ދީފައެވެ.