ބޮލީވުޑް ބަތޮލް ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ވާ ކަން ހާމަވެއްޖެއެވެ.

ނޭވާލާން އުނދަގޫތަކެއް ކުރިމަތިވެގެން ސަންޖޭ ދަތު ވަނީ ލީލާވަތީ ހޮސްޕިޓަލުގައި އޯގަސްޓް 8 ވަނަ ދުވަހު އެޑްމިޓްކޮށްފައެވެ. އޭގެ ފަހުން އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ހޯމަ ދުވަހުއެވެ. އޭނާވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވްވެފައެވެ.

ސަންޖޭ ދަތުވަނީ ސިއްހީ އިތުރު ފަރުވާ ހޯދުމަށްޓަކައި، ފިލްމީ ކެރިއަރުން "ކުޑަ ބްރޭކެއް" ނަގާނެ ކަން ހާމަކޮށްފައެވެ. އޭނާގެ ހާލަތާ މެދު އެކި ގޮތް ގޮތަށް ބަހުސްކޮށް އަޑު ނުފެތުރުމަށާ، އޭނާ "ވަރަށް އަވަހަށް" އެނބުރި އަންނާނެ ކަމަށްވެސް ސަންޖޭ ދަތު ވަނީ ބުނެފައެވެ.

ސަންޖޭ ދަތަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާކަން ހާމަކުރީ ފިލްމީ ދާއިރާގެ ޚަބަރުތައް ގެނެސްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނޫސްވެރިޔާ އަދި ފިލްމް އިންފޮމޭޝަންގެ އެޑިޓާ އިން ޗީފް، ކޮމާލް ނަހްތާއެވެ.

ފިލްމް އިންފޮމޭޝަންއިން ޚަބަރު ދޭ ގޮތުގައި އިތުރު ފަރުވާއަށް ސަންޖޭ ދަތު ވަރަށް އަވަހަށް އެމެރިކާއަށް ފުރާނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަންޖޭ ދަތުގެ ކެންސަރު ހުރީ ސްޓޭޖް 4 ގައެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސަންޖޭ ދަތުގެ މަސައްކަތްތަކެއް އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރުއެވެ. ކުރިއަށް އޮތް ތަނުގައިވެސް އޭނާގެ ފިލްމެއް، އޮންލައިން ސްޓްރީމިންގް ޕްލެޓްފޯމުގައި ރިލީޒް ކުރުމަށްވެސް އޮތީ ހަމަޖެހިފައެވެ.