މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސާބިތުކޮށްދެއްވާފައި ވަނީ މަޖިލީހަށް ޝައްކެއް ނެތް ވަރަށް އެއްވެސް މައުލޫމާތެއް ނުފޮނުވާ ނޯންނާނެކަން ކަމަށް އައްޑޫ މީދޫ ދާއިރަގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދަރަނީގެ ހިސާބުތައް އޮޅުން ފިލުވުމަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކުރުމަށް މިނިސްޓަރު އަމީރް މަޖިލީހަށް މިއަދު ހާޒިރުކޮށްފައިވާއިރު، އެކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ މަޖިލީހަށް ފޮނުވަން ޖެހޭ އެއްވެސް މައުލޫމާތެއް މަޖިލީހަށް ނުފޮނުވާ ނޯންނާނެކަން ޝައްކެއް ނެތް މިންވަރަށް މިއަދު ވަނީ ސާބިތުކޮށްދެއްވާފައި ކަމަށެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލީހުގައި މައުލޫމާތެއް ލިބިފައިނެތް ކަމަށް މިހާރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވުމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާ ގުޅިގެން އެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު މިނިސްޓަރަށް ލިބިފައި ނުވާތީ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ކުރީގެ ރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވަނީ ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.

އެގޮތުން ކުރީގެ ދެ ފިނޭންސް މިނިސްޓަރަކާއި މިހާރުގެ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އަދި މަޖިލީހުގައި ބައެއް މެންބަރުން ވަނީ ދައުލަތުގެ ދަރަނީގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރުމުގައި ފިނޭންސް މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމުން ވާހަކަ ދައްކަވާފައެވެ.