ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިންގި ޕަބްލިކް ހެލްތް މާސް އިމްސްޕެކްޝަންގައި ޖުމްލަ 258 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

މިއީ އެޗްޕީއޭއިިން ހިންގި ދެވަނަ ޕަބްލިކް މާސް އިންސްޕެކްޝަނެވެ. އެގޮތުން މި އިންސްޕެކްޝަނުގައި ޖުމްލަ 1545 ތަނެއް އިންސްޕެކްޓް ކޮށްފައި ވާއިރު، މިއިންސްޕެކްޝަން ހިންގާފަިއ ވަނީ މާލެ، ހުޅުމާލެ، ވިލިމާޅެ، ތިލަފުށި އަދި ހުޅުލޭގައެވެ. މި އިންސްޕެކްޝަންގައި ފިހާރަ، ސެލޫން، ޖިމް، މާކެޓް އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިމެނެއެވެ.

އެގޮތުން މާލެއިން 1179 ތަނެއް އިންސްޕެކްޓްކޮށް 204 ތަނެއް ވަނީ ބަންދުކޮށްފައެވެ. އަދި ހުޅުމާލެއިން 296 ތަނެއް އިންސްޕެކްޓްކޮށް 48 ބަންދުކޮށްފައިވާއިރު ވިލިމާލެއިން 51 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ވަނީ ބަންދުކޮށްފައެވެ. އަދި ތިލަފުށިން 17 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ބަންދުކޮށްފައިވާއިރު ހުޅުލެއިން 2 ތަނެއް އިންސްޕެކްޓް ކޮށްފައިވެއެވެ.

މި އިންސްޕެކްޝަނުގައި ބަންދުކުރި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކޮށްފައި ވަނީ ކަސްޓަމަރުންނާއި ސްޓާފުންނަށް އެނގޭގޮތަށް އިރުޝާދުތައް ހާމަކޮށްފައި ނެތުމާއި، ދެ މޭޒު ދޭތެރޭ އެކަށީގެންވާ ދުރުމިން ނެތުމާއި އެންމެ ގިނަވެގެން އެތަނަކަށް ވަނދެވޭނީ ކިތަށް ކަސްޓަމަރުންނަށްކަން އެނގޭގޮތަށް ޑިސްޕްލޭ ކޮށްފައި ނެތުމުގެ ސަބަބުންނެވެ. އަދި މަރުކޭޓުތައް ބަންދުކޮށްފައި ވަނީ ކަސްޓަމަރުންނާއި ސްޓާފުންނަށް އެނގޭގޮތަށް އިރުޝާދުތައް ހާމަކޮށްފައި ނެތުމާއި، ހޭލުންތެރިކަން އިތުރުވާފަދަ މައުލޫމާތު ފެންނ ގޮތަށް ހާމަކޮށްފައި ނެތުމާއި، އެންމެ ގިނަވެގެން އެތަނަކަށް ވަނދެވޭނީ ކިތަށް ކަސްޓަމަރުންނަށްކަން އެނގޭގޮތަށް ޑިސްޕްލޭ ކޮށްފައި ނެތުމުގެ ސަބަބުންނެވެ

އާންމުކޮށް ފިހާރަތައް ބަންދުކޮށްފައި ވަނީ ކަސްޓަމަރުންނާއި ސްޓާފުންނަށް އެނގޭގޮތަށް އިރުޝާދުތައް ހާމަކޮށްފައި ނެތުމާއި، ތިން ފޫޓު ދުރުމިން އެނގޭގޮތަށް ބިމުގައި ސްޓިކާ ތަތްކޮށްފައި ނެތުމާއި އެންމެ ގިނަވެގެން އެތަނަކަށް ވަނދެވޭނީ ކިތަށް ކަސްޓަމަރުންނަށްކަން އެނގޭގޮތަށް ޑިސްޕްލޭ ކޮށްފައި ނެތުމުގެ ސަބަބުންނެވެ.

ސެލޫނާއި ސްޕާތަށް ބަންދުކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ އެކަށީގެންވާ ގޮތަށް ގޮނޑިތައް ތަރުތީބުކޮށްފައި ނުވުމާއި، ފޭސް ޝިލްޑާއި ގޮގްލްސް ބޭނުން ނުކުރުމުގެ އިތުރުން އެއް ކަސްޓަމަރަށް ހިދުމަތްދޭއިރު ބޭނުންކުރާ އޭޕްރޮނާއި ސްޕޮންޖް އަދި އެހެނިހެން ސާމާނު އެހެން ކަސްޓަމަރުންނަށް ހިދުމަތްދޭއިރު ބޭނުން ކުރުމުގެ ސަބަބުންނެވެ.

ޖިމްތައް ބަންދުކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ ކަސްޓަމަރުންނާއި ސްޓާފުންނަށް އެނގޭގޮތަށް އިރުޝާދުތައް ހާމަކޮށްފައި ނެތުމާއި، އެކަށީގެންވާ އެޕޮއިންޓްމަންޓް ސިސްޓަމެއް ނެތުމާއި ޖިމްގަިއ ބޭނުންކުރާ އާލާތްތައް 3 ފޫޓުގެ ދުރުމިނުގައި ނެތުމުންނެވެ.

މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތްދޭ ޖުމްލަ 486 ތަނެއް އިންސްޕެކްޓްކޮށް 91 ތަނެއް ބަންދުކޮށްފައިވާއިރު، 908 ފުހާރަ އިންސްޕެކްޓްކޮށް 107 ފިހާރަ ވަނީ ބަންދުކޮށްފައެވެ. އަދި 112 ސެލޫނެއް އިންސްޕެކްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 51 ވަނީ ބަންދުކޮށްފައެވެ. އިންސްޕެކްޓްކުރި ތަންތަނުގެ ތެރޭގައި 21 ޖިމާއި 18 މާކެޓް ހިމެނޭއިރު، 2 ޖިމް ބަންދުކޮށް، 6 މާރުކޭޓު ވަނީ ބަންދުކޮށްފައެވެ.