ކޮވިޑް19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭ އިން 703.0 މިލިއަން ހަރަދު ކޮށްފައި ވާއިރު، ހެލްތު މިނިސްޓްރީން ވަނީ 166.8 މިލިއަން ހަރަދު ކޮށްފައެވެ.
ކޮވިޑްގެ ކަންކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 27.7 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.
މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން 37.3 މިލިއަން ރުފިޔާ، އެމްއެންޑީއެފުން 13.1 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 4.8 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ
އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން 507.6 މިލިއަން ރުފިޔާ އެސާމާނަށް ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.