ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން މިހާރު ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ އެންމެ އާއިލާއެއް ކަމަށް ޑެޕިއުޓީ ޖެންޑާ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ ކޮވިޑްއާ ގުޅިގެން މާލެ ސަރަހައްދު ފުރަބައްދަށް ގެނައުމާ ގުޅިގެން މައިގަނޑު ގޮތެއްގައި ބެލީ ފަސް ކަމަކަށް ކަމަށެވެ.
އެގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރެވިގެން ދިޔަކަމާއި އެހީއަށް އެދިގެން އަންނަ މީހުންނަށް ހެލްފް ލައިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
މިހާތަނަށް ހެލްޕްލައިނަށް 15000 ކޯލު އައިސް އައިސްފައިވާ ކަން ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.
ތަފާސް ހިސާބުތަކަށް އަލިއަޅުވާލާ ޔުމްނާ ވިދާޅުވީ މިހާތަނަށް ޔުނިސެފްގެ އެހީތެރިކަމާއެކު ކާބޯޓަކެތި ބޭނުންވާ 553 ފަރާތަކަށް ކެއްކޭނެ ގޮތް ހަމަޖައްސާދިނުމަށްޓަކައި ޕެކް ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު 59 އާއިލާއަކަށް އެފަދަ ޕެކް ފޯރުކޮށްދީފައިވާ ކަމަށް ވެސް ޔުމްނާ ވަނީ ވިދާޅުވެފައެވެ. އަދި ވަކި ފަރުދުންނަށް 47 ކާބޯތަކެތި ކެއްކޭނެ ގޮތުގެ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމުގެ ތެރެއިން މިވަގުތު އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެންމެ އާއިލާ އަކަށް ކަމަށެވެ.
ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީގެ އެހީކަން ލިބިފައިވާ ކަން ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާކީ ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގައިވެސް މި ހާލަަތުަގއި ވަޒީފާ ގެއްލި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވަށް އެތައް މަސައްކަތްތެރިންނެއް ވަނީ ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެންނަށްވެސް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެހެންކަމުން ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކޮށް ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން 5000 ރުފިޔާގެ އެލްވަންސެއް ދޭން ފަށާފައެވެ.
މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ހާލުގައި އުޅޭ އާއިލާތަކަށް ކާބޯތަކެތި އަދި ޒަރޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ސާމާނާ އެކު ކެއާ ޕެކޭޖްތައް ބައެއް ފަރާތަތަކުން ފޯރުކޮށްދެއެވެ. ހަަމައެއާއެކު ވަންނާނެ ތަނެއް ނެތް ފަރާތަތަކަށް ހިލޭ ބޯހިޔާވަހިކަންވެސް ބައެއް ފަރާތަތަކުން ދަނީ ފޯރުކޮށްދެމުންނެވެ.