އިއްޔެ މާލެ އަށް ކުރި ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ނުވަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އެހެން ވިދާޅުވެފައި ވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެފައި ވާ ކަމަށް ބުނުމާ ގުޅިގެންނެވެ.

އިއްޔެ މާލެ އަށް ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ފެން ބޮޑުވެފައި ވާއިރު އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.

އަމްރު ވިދާޅުވީ ފުށް ގުދަނަށް ފެން ނުވަންނަ ކަމަށާއި ވިއްސާރައިގެ ސަބަބުން ކާޑުގެ އެއްވެސް ބާވަތަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އަމްރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ޓެގް ކުރައްވައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އެފަދަ ހަބަރުތައް ފެތުރުން ހުއްޓުވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.