ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ގަލޮޅު ފަރުކަނި ޑޮކްޓާ އާސިމް އަހުމަދު އައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އެމަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑޮކްޓާ އާސިމް މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. ޑޮކްޓާ އާސިމް ވަނީ މީގެ ކުރިން މިނިސްޓާ އޮފް އެޑިއުކޭޝަންގެ މަގާމު ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފައެވެ.

ޑޮކްޓާ އާސިމަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލާ އޮފް އާޓްސްގެ އިތުރުން، މާސްޓާ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓާ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.