މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމާ ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު އެގަވައިދުގައި ބުނާގޮތުން ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށްކަމާބެހޭ އިދާރާއިން އެމްއެމްއޭގައި އެކައުންޓެއް ހުޅުވަންވާނެއެވެ. އަދި އެކައުންޓުން ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާއިން އަންގާގޮތެއްގެ މަތިންނެވެ.

ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު، އެ އެކައުންޓެއްއޮތް ބޭންކަކަށް ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދުއެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް އެ ބޭންކަކުން ޖަމާކުރަންޖެހޭނެ އެވެ.

އޭގެ އިތުރުން ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރުގައިވާ ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ، ކަމާބެހޭ އިދާރާއިން ކޯޓު އަމުރު އެ ފަރާތަކަށް ހުށަހެޅުމުން އެކައުންޓަށް، އެ ފަރާތަކުން އެ ފައިސާ ޖަމާކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމަކީ ނުވަތަ އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއް ނައްތާލެވޭނެ ކަމަށް ވެސް ގަވައިދުގައި ބުނެއެވެ.

ދައުލަތަށް ނެގޭ މުދާ ނައްތައިލަންވާނީ ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަކަށްނުވަތަ އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށެވެ.

ދައުލަތަށް ނެގޭ މުދާ ވިއްކާލަންވާނީ، އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއްލިބޭނެ ގޮތަކަށް ކަމަށް ގަވައިދުގައިވާއިރު ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާނަމަ، އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވާނެ ކަމަށް ބަޔާޏުގައި ބުނެއެވެ. އަދި ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، އެއްލައްކައަށް ވުރެއަގު ބޮޑު މުދާ ވިއްކާލަންވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައެވެ.