ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަށް ނިމުމެއް ގެނައުމަށް ގައުމުތަކުގެ ސަރުކާރުތަކާ، ޖަމިއްޔާތަކާ، ސައެންސްވެރިންނާ، ވިޔަފާރިވެރިންނާ އެހީދޭ ފަރާތްތައް ގުޅިގެން ޑަބްލިއުއެޗްއޯއާއިއެކު މިއަހަރުގެ އޭޕްރިލް މަހު ލޯންޗުކުރި 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމްގެ އެއް ތަނބު ކަމަށްވާ ކޯވެކްސް ޕްލެޓްފޯމުތަކުގައި ގައުމުތަކުން ބައިވެރިވުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އޮތް އުއްމީދުގެ އެންމެ ވަރުގަދަ އެއް އަލިކަމަކީ ވެކްސިނެއް ލިބުން ކަމަށްވާއިރު، ގައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބުމުގެ ފުރުސަތު ކަށަވަރު ކުރުމަށްޓަކައި ކޯވެކްސް ޕްލެޓްފޯމުގައި ގައުމުތަކުން ބައިވެރިވުން މުހިންމު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ޓްވިޓާ

ތަރީހު ނުދެކޭ ވަރުގެ ހަލުވި ދުވެއްޔެއްގައި ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 150 އަށްވުރެ ގިނަ ގުރޫޕުން މިކަމުގައި ހަރަކާތްތެރިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އިންސާނުންނާ ހަމައަށް އައުމާ ގާތަށް 5 ވެކްސިނެއް ދަތުރު ކޮށްފައިވާކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އޭގެ ތެރޭގައި މޮޑާނާ ތެރަޕިއުޓިކްސް އިންކޯޕަރޭޝަން، ކޭންސީނޯ ބައޮލޮޖިކްސް، ފައިޒާ-ބައޮއެންޓެކް އަދި އޮކްސްފޯޑް-އަސްޓްރާޒެނީކާއިން ތަރައްގީ ކުރަމުންދާ ވެކްސިންތައް ހިމެނެއެވެ.

ކޯވެކްސް ފަރުމާ ކޮށްފައިވަނީ ވެކްސިން ތަރައްގީ ކުރަމުންދާ ގުރޫޕުތަކާއެކު އެއްބަސްވުންތައް އެކުލަވާލުމުގެ އިމްތިޔާޒާއެކުގައެވެ. ވެކްސިނެއް ކާމިޔާބު ވުމާއެކު ފުޅާ ދާއިރާއެއްގައި އެ ވެކްސިން އުފައްދާ، ދުނިޔޭގެ އެންމެ ދުރު ހިސާބުތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކޯވެކްސް ޕްލެޓްފޯމް އެހީވެދޭނެއެވެ. ކޯވެކްސްގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު އެންމެ މަދުވެގެން 2 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ބިޒްނަސް ޖާނަލްސް

ކޯވެކްސް ޕްލެޓްފޯމަކީ އިންސާފުވެރި ކަމާއެކު ގައުމުތަކަށް ވެކްސިން ލިއްބައިދޭނެ ޕްލެޓްފޯމެކެވެ. ވެކްސިން ތަރައްގީ ކުރަމުންދާ ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ ދުނިޔޭގެ ނުފޫޒުގަދަ ބައެއް ގައުމުތަކަށް ވެކްސިން ޑޯޒް ރިޒާވްކޮށްފައެވެ. ޑަބްލިއުއެއެޗްއޯއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލުމާތަށް ބަލާއިރު 75 ގައުމަކުން ވަނީ ކޯވެކްސް ޕްލެޓްފޯމާ ގުޅިފައެވެ. ވެކްސިން ތައާރަފުވެގެން ދިއުމާއެކު މި ގައުމުތަކަށް ބޭނުންވާ ވެކްސިން ޑޯޒް ކަށަވަރުވާނެއެވެ. ޑަބްލިއުއެޗްއޯގެ އަމާޒަކީ، ކޯވެކްސް ޕްލެޓްފޯމާ ގުޅޭ ގައުމުތަކުގެ އާބާދީގެ އެންމެ މަދުވެގެން 20 ޕަސެންޓަށް ވެކްސިން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ޕްލެޓްފޯމް އެހީތެރިވެދޭނެ ކަމަށް ޚަބަރު ލިބެއެވެ.

މިއަހަރުގެ އޭޕްރިލް މަހު ލޯންޗުކުރި 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމް ބިނާ ކުރެވިފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ ކޮވިޑް-19އަށް ޓެސްޓު ކުރުމާ، ފަރުވާ ދިނުމާ، ވެކްސިންގެ އިތުރުން ސިއްހީ ނިޒާމުގެ ތަނބެވެ. 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމް ހިންގުމަށް 31.3 ބިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރެއެވެ.