ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް އައިޝަތު ސާމިޔާ އައްޔަންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހަމަޖެއްސި ސާމިޔާއަކީ އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

ސާމިޔާ އަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީ އިން މާސްޓާ އޮފް ހެލްތު ސާވިސަސްއެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވުމުގެ އިތުރުން އޮސްޓްރޭލިޔާގެ ކާޓިން ޔުނިވާސިޓީއިން ބެޗެލާ އޮފް ހެލްތު އިންފޮމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ވަނީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިއްހީ ދާއިރާގައި އުޅުއްވާތާ 21 އަހަރު ވެފައިވާއިރު، ސާމިޔާ ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެކިއެކި ޑިޕާޓްމަންޓުތަކުގެ ސީނިޔާ މަގާމުތައް ފުރުއްވާފައެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް ސާމިޔާ އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަދީޖާ އަބްދުއްސަމަދު މަގާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ މަގާމުން ވަކި ކުރެއްވީ ދައުރު ހަމަވާން ހަފުތާއަކަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

އެ މަގާމަށް ހުޅުވާލުމާއެކު ސާމިޔާގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ވެސް ކުރިމަތިލެއްވި އެވެ. އަދި އެންމެ ގިނަ މާކްސް ވެސް ލިބިވަޑައިގަތީ ތަސްލީމާއަށެވެ.