އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވް ވެފައި ވަނީ ހިތަދޫއިން ލޮކްޑައުން ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ކޮވިޑް-19އަށް ޓެސްޓު ކުރި 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާގެ ޓެސްޓު ހަދާފައި ވަނީ މިއަދު ކަމަށްވެސް އެޗްއިއޯސީން މައުލޫމާތު ދެއެވެ.

އައްޑޫ ސިޓީ ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދެވެ.

އައްޑޫ ސިޓީ ހިތަދޫއިން މީގެ ކުރިން ޕޮޒިޓިވް ވެފައި ވަނީ ލޮކްޑައުން ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ޓެސްޓު ކުރި 38 އަހަރުގެ ބިދޭސީ ފިރިހެނަކެވެ. އޭނާގެ ޓެސްޓު ހަދާފައި ވަނީ އިއްޔެ ކަމަށް އެޗްއީއޯސީން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން، އެ އަތޮޅު ފޭދުއިން ފުލުހަކު ވެސް ވަނީ ރޭ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާއަކީ މީގެ 2 ދުވަސް ކުރިން ފޭދޫއަށް ދިޔަ އުމުރުން 38 އަހަރުގެ ފުލުހެކެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ މާލެއިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށާއި ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ކޭސް އާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން ދާއިރު ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް ހަ ފުލުހަކު ފާހަގަ ކުރެވިފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ އައްޑުއަށް ދަތުރު ކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިވަގުތު ކޮވިޑްގެ ކޭސް ފެނިފަިއވާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ހިތަދޫއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 5041 އަށް އަރާފައިވާއިރު، 2804 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ.