ރަށްރަށުން މާލެ އަންނަން ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

ރަށުން މާލެ އަންނަން އެއްވެސް ހުއްދައެއް ހޯދަން ނުޖެހުނު ނަމަވެސް މާލެއިން ރަށަށް ދެވޭނީ ވަކި ޝަތުރުތަކެއް ހަމަވެގެންނެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ ގަވާއިދުގައި ބުނާ ގޮތުން މާލެއިން ރަށަށް ދެވޭނީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދިއުމާއި، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެންނާއި، އަދި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ ނަމައެވެ.

މާލެއިން ރަށަށް ދެވޭ އެ އުސޫލަކީ ރަށްރަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް މިހާރުވެސް އެދެން ޖެހޭ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ފަހު އެ ޕޯޓަލްގެ ހޯމް ކަރަންޓީން ފުރިހަމަ ކުރާ ފަރާތްތަކަށް އެދެވޭނެ އުސޫލެކެވެ. އަދި އެ އުސޫލަށް އެދެން މަތީގައި ބުނެފައިވާ ފަސް ޝަތުރުތުން ކުރެ ޝަރުތެއް ފުރިހަމަވާންވެސް ޖެހެއެވެ.

އެ އުސޫލުގެ ދަށުން މާލެއިން ރަށަށް ދާން އެދޭ މީހުން ހުށަހަޅަން ޖެހޭ ލިޔުންތައް ރަށު ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އެ ލިޔުންތަކުގެ މައްޗަށް ބަލައި އެމީހަކު ކަރަންޓީނު ވުމަށް އެދޭ ތަނެއް ކައުންސިލުން ބަލާ ޗެކްކޮށް އެޗްޕީއޭއަށް އަންގަން ޖެހެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މާލެއިން ރަށަށް ދާން ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުމާއިި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުން ކަމަށެވެ.