ޓޫރިޒަމް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ފެސިލިޓީތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ދިވެހިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން މަނާކޮށްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއް ގޮތުން ކަމަށެވެ.
އެގޮތުން އެޗްޕީއޭގެ ގައީޑްލައިނާއި އެއްގޮތަށް ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަ އެއްވެސް ރިސޯތެއްގައި އަދި ޓޫރިސްޓް ފެސިލިޓީ އެއްގައިވެސް ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދިޔުމަކީ މަނާކަމެއް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި 15 ގައެވެ.
ބޯދަރު ހުޅުވާލުމަށްފަހު 67 ރިސޯޓެއް އަލުން އޮޕަރޭޓް ކުރުމަށް ވަނީ ހުއްދަ ދީފައެވެ. މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ހަ މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ނުވަ މީހެއް ވަނީ ޕޮޒިޓިވްވެފައެވެ.