މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 4.2 ބިލިއަން ރުފިޔާ ސަރުކާރަށް އޯވާޑްރޯ ކޮށްފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުލައިގެ ނިޔަލަށް ސަރުކާރަށް ދޫކުރި ފައިސާ ވަނީ ހަތަރު ބިލިއަނަށް ވުރެ އިތުރުވެފައެވެ.

ޖޫން މަހުގެ ނިޔަލަށް އެޑްވާންސްގެ ގޮތުގައި ސަރުކާރަށް 3.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އޯވާޑްރޯގެ ގޮތުގައި ނަގާފައިވާ ފައިސާ އާއި އެ ނޫން ގޮތްގޮތަށް ސަރުކާރަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ފައިސާއެވެ. އޯވާޑްރޯ ކުރާ ފައިސާ ބޭނުންކުރަނީ ސަރުކާރުގެ ރިކަރެންޓް ހަރަދުތަކާއި މިވަގުތަށް ކުރަން ޖެހޭ އެހެނިހެން ހަރަދުތައް މެނޭޖް ކުރުމަށެވެ.

އެމްއެމްއޭ އިން އޯވަޑްރޯ ކުރުން ނުވަތަ "މަނިޓައިޒް" ކުރުމަކީ ބައެއް އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ތަފާތު މައްސަލަ ތަކެއް މުސްތަގުބަލުގައި ކުރިމަތިވާނެ ކަމެކެވެ. މިއީ "ފައިސާ ޗާޕުކޮށްގެން" އިގްތިސާދަށް ނެރުން ކަމަށް ބައެއް މާހިރުން ގަބޫލު ކުރާއިރު އޯވަޑްރޯގެ ގޮތުގައި ފައިސާ ދޫކުރުމަކީ ފައިސާ ޗާޕުކުރުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އޯވަޑްރޯ ކުރި ނަމަވެސް އިގްތިސޯދަށް އިތުރު މައްސަލަތަކެއް ދިމާވާނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓާ ވިދާޅުވެފައި ވެއެވެ.

އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދައާ އެއްގޮތަށެވެ.