ސަރުކާރުގެ އޮފިސްތައް މަރާމާތު ކުރަނީ ސިއްރުން ނޫން ކަމަށާއި ބަޖެޓު ކުރެވިގެން ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮނޑެއް ގޮތަށް އޮތް ސަރުކާރުގެ އޮފީސް (މަލީހު އޮފީސް) މަރާމާތު ކުރުން މިއަދު ވެސް ކުރިއަށް ދިޔަ ކަމަށެވެ. އަދި އެއީ ސިއްރުން ކުރާ ކަމެއް ނޫން ކަމަށާއި އެމަސައްކަތަކީ ބަޖެޓް ކުރެވިގެން ކުރެވޭ ކަމެއް ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މިއީ ސިއްރުން ކުރާ ކަމެއް ނޫން، ބަޖެޓް ކުރެވިގެން، އޮޑިޓަށް ފެތޭ ދެފުއް ފެންނަ ގޮތަށް ކުރިއަށް ދާ ކަންކަން، ނިމެނީ، ހުރިހާ ކަމެއް ތުންޑުން ތުނޑަށް ހަމަކުރެވޭނެ
މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

މިނިސްޓަރު މަލީހު ވަނީ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވައިފައެވެ.

މަލީހު އެޓްވީޓު ކުރައްވާފައިވަނީ ދާދި ފަހުން މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީންގެ އިންނަވާ ކޮޓަރީގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވެ އެކަމާ ގިނަ ބަޔަކު ފާޑު ކިޔާފައިވާ ދަނޑިވަޅެއްގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މިނިސްޓަރު އިންނަވާ ކޮޓަރީގެ ފޮޓޯތަކެއް ކަމަށް ބުނެ ދައުރުކުރަމުން ދިޔައީ އެތަނުގެ ފޮޓޯތަކެއް ނޫން ކަމަށާއި ދައުރުކުރަމުން ދިޔައީ މިނިސްޓްރީގެ ކޮންފަރެންސް ރޫމްގެ ފޮޓޯތަކެއް ކަމަށެވެ.

އަދި ކޮންފަރެންސް ރޫމް ކުއްޔަށް ދީގެން ހޯދާ ފައިސާ ހަރަދު ކުރުމަށް ނިންމާފައި ވަނީ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުމަށް ކަމަށާއި، އެ ފައިސާ ހެލްތް ފަންޑަށް ޖަމާ ކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.