އީ-ކޮމާސް ޕްލެޓެފޯމް މޫލީ، ކަސްޓަމަރުންގެ ހިދުމަތުގައި ކާމިޔާބު އެއް އަހަރު ފުރުމުގެ މުނާސަބަތު މޫލީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި މިއަދު ފާހަގަކޮށްފިއެވެ.

އުރީދޫން ބުނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓްމަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައިވާ ކަމަށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 14 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ.

މީގެ ތެރެއިން، އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ. މޫލީ ޕްލެޓްފޯރމް ގެ މިކާމިޔާބުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިޔަށްގެންދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ. މި ހަރަކާތްތަކުގެ އިތުރު މައުލޫމާތު މޫލީ ސޯޝަލް މީޑިޔާ ޕޭޖްތަކުގައި އިއުލާނު ކުރެވެމުންދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ ޕާސަނަލައިޒްޑް ހިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދެވެ. އެގޮތުގެ މަތިން، މުޅި ދުނިޔެ ކުރިމަތިލަމުންދާ ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ފިތުރު އީދާއި އަޟްހާ އީދުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކާއި އެކު، ސަލާމަތްތެރިކަމާއިއެކު ގޭގައި ތިބެގެން އިދުގެ އުފާފާޅުކޮށް، އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ބަދަލުކުރުމުގެ ފުރުސަތު މޫލީއިންވަނީ ފަހިކޮށްދީފައެވެ. މި ހާއްސަ ޕްރޮމޯޝަންތަކުގެ ތެރެއިން އަޟްހާ އީދާ ގުޅުވައިގެން ކުރިއަށްދިޔަ މޫލީ ކާނިވަލްއަކީ ޑިޖިޓަލްކޮށް ރާއްޖޭގައި ބޭއްވުނު ތަފާތު ކާނިވަލްއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގް އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އެ ޓީމުން ވަނީ ޔަގީންކަން އަރުވާފައެވެ.