މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވެލް ސިޔާމް) ގެ ކުންފުންޏެއް ކަމަށްވާ "އަހުމަދު ސިޔާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" (އޭއެސްއެޗް) އަށް ނަގާފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅިގެން ލޯނު ދޫކުރި އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާ، ޗައިނީޒް އެގްޒިމް ބޭންކުން ދައްކަން އެދިފައިވާ ފައިސާ ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޭއެސްއެޗް ކުންފުންޏަށް ސަރުކާރުގެ ގެރެންޓީއާ އެކު އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނާ ގުޅިގެން ނުދައްކާ ހުރި ފައިސާގެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައި، އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް މިއަދު ވަނީ ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައި ކަމަށެވެ.

އޭއެސްއެޗަށް ކުރީގެ ސަރުކާރުން 2017 ގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއަކީ 2017، 14 ޑިސެމްބަރު ގައި "ދައުލަތުގެ ނަމުގައި ގެރަންޓީ ދޫކުރުމުގެ އުސޫލު، 2017، 13 އޮގަސްޓް" ގެ ދަށުން ދޫކޮށްފައިވާ ގެރެންޓީއެކެވެ. އެގޮތުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށް 2017، 06 ނޮވެމްބަރު ގައި ވަނީ އެގްޒިމް ބޭންކުން އޭއެސްއެޗްއާއެކު 127،500،000 ޑޮލަރުގެ ލޯނަށް ސޮއިކޮށްފައެވެ. އެއީ ކުރީގެ ސަރުކާރުން ދީފައިވާ ސޮވްރިން ގެރެންޓީއެއްގައި ދަށުންނެވެ.

ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖެނުއަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗުން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުން އަންގާފައިވާ ކަމަށް ފިނޭންސުން ބުނެއެވެ. ނަމަވެސް، މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން، އޭއެސްއެޗުން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީއަށް ވާ އަދަދު ދައްކާފައި ނުވާކަމަށް ފިނޭންސުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެގްޒިމް ބޭންކުން ވަނީ އެކަން އަންގައި އެ ފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައެވެ.

ސިޔާމްގެ ކުންފުނިން ނަގާފައިވާ ލޯނަށް ކުރީގެ ސަރުކާރުން ގެރަންޓީ ދޫކޮށްފައި ވަނީ، ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލީއްޔަތުގެ ގާނޫނު) ގެ ދަށުން ސޮވްރިން ގެރަންޓީ ދިނުމަށްޓަކައި އުސޫލެއް ހެދުމަށްފަހު، އެ އުސޫލުގެ ދަށުން ކަމަށް ފިނޭންސުން ބުނެއެވެ. އެ ގޮތުން އޭއެސްއެޗް ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވްރިން ގެރަންޓީއެއް ދޫކޮށްފައި ނުވާކަމުގައި ވެސް ފިނޭންސުން ބުނެއެވެ.

މީގެ އިތުރުން ފިނޭންސުން ބުނީ، މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމުގައި، މި މިނިސްޓްރީން އަބަދުވެސް އިސްކަންދެނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށް ވެސް ފިނޭސުން ބުނެއެވެ.