ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދު މާތުރު ކޮވިޑް19 އަށް ޕޮޒިޓިވް ކަމަށް މައުލޫމާތު ލިބިއްޖެއެއެވެ.

ޑރ. އަރްވިންދު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ރަސްމީ އިދާރާ އަކުން އެކަން ހިއްސާކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

މިއަދު ރާއްޖެއިން 148 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 117 މީހުން ޕޮޒިޓިވެ ވެފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 110 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1282 މީހަކު އެބަ ތިއްބެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4,594 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.