މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީންގެ އިންނަވާ ކޮޓަރީގެ ފޮޓޯތަކެއް ކަމަށް ބުނެ ދައުރުކުރަނީ ރަނގަޅު ފޮޓޯތަކެއް ނޫން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ދައުރުވަމުން ދަނީ މިނިސްޓަރުގެ ކޮޓަރީގެ ފޮޓޯތަކެއް ނޫން ކަމަށެވެ. އެ މިނިސްޓްރީން މިހެން ބުނެފައި ވާއިރު، މިނިސްޓަރުގެ ކޮޓަރި ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ ކޮންފަރެންސް ރޫމްގެ ފޮޓޯތަކެއް ދަނީ ދައުރު ކުރަމުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ ހިންގާ އިމާރާތުގެ 9 ވަނަ ފަންގިފިލަގައި ގާއިމް ކޮށްފައިވާ ކޮންފަންރެންސް ރޫމުގެ ނަމަކީ "މޫމިނާ ހަލީމް މާލަން" ކަމަށާއި އެ މާލަމަށް އެނަން ދިނީ ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތް މިނިސްޓަރަށް ނިސްބަތްކޮށް ކަމަށެވެ. އެ ކޮންފަރެންސް ރޫމަކީ ހެލްތް މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރޫމެއް ކަމަށް އެ މިނިސްޓްރީ ބުނެއެވެ.

އަދި މިގޮތަށް ކޮންފަރެންސް ރޫމް ކުއްޔަށް ދީގެން ހޯދާ ފައިސާ ހަރަދު ކުރުމަށް ނިންމާފައި ވަނީ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ކުރުމަށް ކަމަށާއި، އެ ފައިސާ ހެލްތް ފަންޑަށް ޖަމާ ކުރާނެ ކަމަށް ހެލްތް މިނިސްތްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މި ކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ ހަރަދު ކުޑަ ކުރުން ކަމަށެވެ. އެގޮތުން ހެލްތް މިނިސްޓްރީ އަކީ ގިނަ އިވެންޓްތަކެއް ބާއްވާ ތަނަކަށް ވެފައި މިފަދަ އިވެންޓްތައް މިނިސްޓްރީން ބޭރުގައި ބޭއްވުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަަށް އެ މިނިސްޓްރީން ބުނެއެވެ.

9 ވަނަ ފަންގިފިލާގައި ކޮންފަރެންސް ރޫމް ހުރިއިރު، މިނިސްޓަރުގެ ކޮޓާރި ހުންނަނީ 8 ވަނަ ފަންގިފިލާގައެވެ. ހެލްތް މިނިސްޓްރީގެ 8 އަދި 9 ވަނަ ފަންގިފިލާ އާ ގޮތަކަށް ކުރަހާ އިންޓީރިއާ ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފަށަިއގެން ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.