މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ 7 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެ މިނިސްޓްރޯން ޕޮޒިޓިވްވީ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެކެވެ.

ޕްލޭނިން މިނިސްޓްރީގެ 7 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 148 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 117 މީހުންނަކީ ދިވެހިން ކަމަށްވާއިރު، ދެން ތިބީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 7 މީހެއްގެ އިތުރުން ނޭޕަލާއި ސީޝެލްސްގެ މީހެކެވެ.

އެޗްޕީއޭއިން ބުނީ މިހާރު 1869 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި 110 މީހަކަށް ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1282 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިއަދު 13 މީހުން ވަނީ ބަލިން ރަނގަޅު ވެފައި ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 4594 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 146 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލެއިންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 2 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.