މިއަދު ރާއްޖޭގައި ކޮވިޑަށް 148 މީހުން ޕޮޒިޓިވްވެ މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1800 އިން މައްޗަށް ގޮސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 148 މީހުން ޕޮޒިޓިވް ވި އިރު އޭގެ ތެރެއިން 117 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ތިބީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 7 މީހެއްގެ އިތުރުން ނޭޕަލާއި ސީޝެލްސްގެ މީހެކެވެ. އަދި މިހާރު 1869 މީހަކަށް ފަރުވާ ދެމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން މިހާރު ހޮސްޕިޓަލުގައި 110 މީހަކަށް ފަރުވާ ދެމުންދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1282 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިއަދު 13 މީހުން ވަނީ ބަލިން ރަނގަޅު ވެފައި ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 4594 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 146 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލެއިންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 2 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސް 10 ރަށަކުން ފެނިފައި ވެއެވެ. އެއީ ހއ ކެލައާއި، އިހަވަންދުއާއި ބ. އޭދަފުއްޓާއި، ކަމަދުއާއި، ހިތާދުއާއި، ސީސައިޑު ފިނޮޅާއި، ޅ. ހިންނަވަރާއި، ކުރެއްދޫގެ އިތުރުން ކ. މާފުއްޓާއި ވ. ފުލިދުއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނެކެވެ. 79 އަހަރުގެ އަންހެނެކެވެ. އަދި 89 އަހަރުގެ ފިރިހެނަކާއި 80 އަހަރުގެ އަންހެނަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.