ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މި އެއްބަސްވުމުގެ ދަށުން 4 އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ. ޖަޕާނުން ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށް ޖަޕާން ސަރުކާރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ސްކޮލާޝިޕްތަކަކީ 19 މިލިއަން ރުފިޔާގެ އަގުހުރި ސްކޮލާޝިޕްތަކެކެވެ. ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.

ޖަޕާނުން ރާއްޖެއަށް 24 ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު 19ގައި މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 7 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ވަނީ ދީފައެވެ. މިއަހަރު މި އެވޯޑް ހާސިލްކޮށްފައި ވަނީ މިދިޔަ އަހަރު ސެންޓަރ ފޯ ހަޔާ އެޑިއުކެޝަން ސެންޓާ (ސީއެޗްއެސްސީ) އިން މަތީ ސާނަވީ ހާސިލް ކުރި 5 ދަރިވަރަކަށާއި އަލްމަދަރުސަތުލް އަރަބިއްޔަތުލްއިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި 2 ދަރިވަރަކަށެވެ. މި ސްކޮލާޝިޕްތައް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.