މި ހަފްތާ ސަރުކާރު އޮފީސްތައް ބަންދުކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައިވާ ނަމަވެސް އޮންލައިންކޮށް ފީތައް ދެއްކޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތީރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ބުނީ މިއަދާއި މާދަމާ މީރާގެ ކައުންޓަރުތައް ބަންދުވާނެ ކަމަށާއި އެހެން ނަމަވެސް މީރާއަށް ދައްކަންޖެހޭ ފީތައް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ.

އެގޮތުން މީރާއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް، މީރާކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން މީރާއިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް ވެސް އޮންލައިންކޮށް ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައިވާ ކަމަށާއި އެ މުއްދަތުގައި މީރާއަށް ގުޅަން ބޭނުންވާ ފަރާތްތަކުން 9821415 އަށް ވައިބާ މެދުވެރިކޮށް މެސެޖު ކުރުމަށް ވަނީ އެދިފައެވެ.

ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީ މިމަހުގެ 6 އާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ރައީސް ނިންމަވާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތް ތަކެއް އޮންލައިން ކޮށް ދިނުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ އޮފީސްތައް ބަންދު ކުރި މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމާއި ކޮވިޑް-19 ބަލި ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރޭ އަމުރުތަކާއި، އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަން ވަނީ އަންގަވާފައެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައްޔާއި، އަތޮޅު ކައުންސިލުތަކުގައްޔާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދާފައިވާ ޓާސްކް ފޯސްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާވާ ހިންގުމަށްވެސް ވަނީ އަންގަވާފައެވެ.