ޓޫރިޒަމް ބިމު ކުލި ނުދެއްކުމުން ދައްކަން ޖެހޭ ޖޫރިމަނާ ކުޑަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ޖޫރިމަނާ ކުޑަކުރުމަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިން ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެންނެވެ.
ގެނެވުނު އިސްލާހާއެކު ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ އެކުލި ދެއްކުމާއި ހަމަޔަށް ކޮންމެ ދުވަހަކަށް ޖޫރިމަނާގޮތުގައި ދައްކަން ޖެހެނީ ކުލީގެ 0.0493 ޕަސެންޓެވެ. މީގެ ކުރިން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ 0.5 ޕަސެންޓެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް ނަގާ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ހަވާލުކޮށްފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހެވެ.
އަލީ ވަހީދު މަގާމުން ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ތަކެއްގައެވެ. އެގޮތުން، އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރީގެ 12 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ދަނީ އަޑުފެތުރެމުންނެވެ. މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.