އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލު ތަސްދީގު ކުރިތާ 9 ދުވަސް ތެރޭގައި ރާއްޖެއަށް 11 މިލިއަން ސިނގިރޭޓް އެތެރެ ކުރި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިހިނގާ އޮގަސްޓް 1 ވަނަ ދުވަހަކީ ސުންފަތުގެ ބާވަތްތަކުން 200 ޕަސެންޓް ޑިއުޓީ ބޮޑުވި ދުވަހެވެ. ޑިއުޓީ ބޮޑުވުމާއެކު ސިނގިރޭޓެއްގެ އަގު 3 ރުއިޔާއަށް އުފުލިގެން ދެއެވެ. އެއީ ކުރީގެ އަގުން ބަލާނަމަ 25 ޕަސެންޓްގެ ބޮޑުވުމެކެވެ.

މިދިޔަ މަހުގެ އެންމެ ފަހު 9 ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެ ކުރި ސިނގިރޭޓުގެ އަގަކީ 6 މިލިއަން ރުފިޔާއަށް އަރައެވެ. 11 މިލިއަން ސިނގިރޭޓަށް ޑިއުޓީއާއި އާމްދަނީގެ ގޮތުގައި 24 މިލިއަން ވަންނާނެ ކަމަށް ކަސްޓަމުން ވަނީ އަންދާޒާ ކޮށްފައެވެ.

ޖުލައި 23 އިން 31 އަށް އެތެރެ ކުރި ސިނގިރޭޓާއި އަގުތައް

  • ޖުމްލަ ސިނގިރޭޓް: 11،710،000
  • ސީއައިއެފް އަގު: 6،098،048.88 ރުފިޔާ
  • ޑިއުޓީއާއި އާމްދަނީ: 24،950،610.36 ރުފިޔާ

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 39.1 މިލިއަން ސިގަރޭޓު އެތެރެ ކުރި އިރު މިއަހަރުގެ ޖުލައި މަހު 55.8 މިލިއަން ސިނގިރޭޓު ވަނީ އެތެރެ ކޮށްފައެވެ.

އަދި ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު 83.9 މިލިއަން ލިބިފައި ވާއިރު މިއަހަރު އެ މުއްދަތުގައި 119 މިލިއަން ރުފިޔާ ލިބިފައި ވާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިދިޔަ 2019 ވަނަ އަހަރުގެ މުޅި ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް 474 މިލިއަން ސިނގިރޭޓް އެތެރެ ކޮށްފައި ވެއެވެ. އެއީ 281 މިލިއަން ރުފިޔާގެ ސިނގިރޭޓެވެ. އެ އަހަރުގެ ޑިއުޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

2019 އެތެރެ ކުރި ސިނގިރޭޓާއި އަގުތައް

  • ޖުމްލަ ސިނގިރޭޓް: 474،972،430
  • ސީއައިއެފް އަގު: 281،685،578.30 ރުފިޔާ
  • ޑިއުޓީއާއި އާމްދަނީ: 1،020،548،878.28 ރުފިޔާ

މި ހިނގާ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިނގިރޭޓު ފޮއްޓެއް އާންމުކޮށް ލިބޭނީ 95 ރުފިޔާ އަށެވެ. ބައެއް ތަންތަނުން 100 ރުފިޔާއަށް ވެސް ސިނގިރޭޓު ފޮށި ވިއްކައެވެ. އެކި ބްރޭންޓުތަކުގެ ސިނގިރޭޓު ފޮށީގެ އަގު ތަފާތު ނަމަވެސް އާންމު އަގެއްގެ ގޮތުގައި ހުރީ 95 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގައެވެ. އެއީ ވަކި ސިނގިރޭޓުގެ އަގަށް ބަލާނަމަ ސިނގިރޭޓެއް 5 ރުފިޔާގެ ރޭޓުގައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް 500 މިލިއަނާ ގާތްކުރާ އަދަދެއްގް ސިނގިރޭޓް އިމްޕޯޓް ކުރާ އިރު 125 މިލިއަން ބިޑި އެތެރެ ކުރެއެވެ. ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް 550 މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ އާމްދަނީއެއް ސަރުކާރަށް ލިބެއެވެ.