އުރީދޫ މޯލްޑިވްސްއިން "އަތޮޅު ރަން" ގެ ނަމުގައި ވާޗުއަލް ރަން އެއް މިއަދު އިއުލާނު ކޮށްފިއެވެ.
އުރީދޫން މިއަދު އިއުލާން ކުރި މި ރަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައި ވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންވެސް މެއެވެ. މިމަހު 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަން އަކީ އުރީދޫން ދިވެހިންނާއި އެކު ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހާއްސަ އިވެންޓެކެވެ.
މިކަމާ ގުޅިގެން ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ އަތޮޅު ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށެވެ. އަދި މި ދަނޑިވަޅުގެ ގޮތުން މި ރަން ވާޗުއަލް ރަންއެއް ގޮތުގައި ރާވާފައި މިވަނީ ގައިދުރުކަމުގެ މުހިންމުކަމަށް ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ. އަދި އެހެން އަހަރުތަކުގައި ބާއްވާ ފޯރިގަދަ ކަލާ ރަން ބޭއްވުމަށް އުދަނގޫވެފައި ވީހިނދު، އަތޮޅު ރަން އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ދުވުންތެރިންނާއެކު ކުރިއަށް ގެންދެވޭ ތަފާތު ރަންއެއްކަމުން އެންމެނަށްވެސް ކަމުދާނެ އިވެންޓެއްކަމުގައި އުއްމީދު ކުރައްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މި ރަންގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅު ރަން ކުރިއަށްދާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. މި ދުވުން ވެގެންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ދުވުމަކަށެވެ.
އަތޮޅު ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދީ މި ރަންގެ އުފަލުގައި އެޗްޕީއޭގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެ ތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫން ވަނީ ދައުވަތު އަރުވާފައެވެ.
އުރީދޫން ބުނީ އަތޮޅު ރަން އާއި ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފްތާތަކުގައި އިއުލާނު ކުރާނެ ކަމަށެވެ.