އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ އިތުރު ފުރަބަންދަކަށް ދެވެން ނެތް ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރު ވަމުން ދާ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅޭ އިރު މާސްކް އަޅަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް އެންމެހާ ރައްޔިތުން އަމަލުކުރުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައި ވާއިރު، ވޭތުވެދިޔަ ދެ ދުވަހުގެ ހިސާބުތަކުން ދައްކާ ގޮތުން 371 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 283 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން ވޭތުވެދިޔަ ހަފްތާގައި ޓެސްޓު ކުރި އަދަދާ އަޅާ ބަލާއިރު، 11.54 ޕަސަންޓް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އައިއިރު ޖުމްލަ 4264 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި 2643 މީހަކު ބަލިން ރަނގަޅު ވެފައެވެ. ކޮވިޑްގައި ރާއްޖެއިން މިހާތަނަށް 18 މީހަކު މަރުވެފައި ވާއިރު، މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ހުރި ކޭސްތަކުގެ ޖުމްލަ ވަނީ 1489 އަށް އަރާފައެވެ.