ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ޓްރާސްޕޯޓް އޮތޯރިޓީ ބަދަލުކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެ އޮތޯރިޓީގެ މަސައްކަތްތައް ހިނގަމުން ދާނީ ކުރީގެ ސްޓާ ސިނަމާ ހުރި ޗަނބޭލީވިލާގައި އަލަށް ހަދާފައިވާ އުސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.
މީގެ ކުރިން ޓްރާންސްޕޯޓު އޮތޯރިޓީ ހިންގަމުން އައީ ހުރަވީ ބިލްޑިންގައެވެ. ނަމަވެސް އެ އިމާރާާތް ބާވެ ވީރާނާވާން ފެށުމާ ގުޅިގެން އެ އިމާރާތް ހުސް ކުރުމުގެ މަސައްކަތް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އަދި އެ އިމާރާތުގައި ހިނގަމުން ދިޔަ ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަން ބޭނުންވާ އިމާރާތް ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ހުރަވީ ބިލްޑިންއަކީ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އިމާރާތެކެވެ. އެތަނުގައި ޓްރާންސްޕޯޓު އޮތޯރިޓީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އާއި އިމިގްރޭޝަނުގެ ބައެއްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޑިޕާޓްމެންޓުތައް ދިޔައީ ހިންގަމުންނެވެ.
ސްޓާ ސިނަމާ އަކީ 1982 ވަނަ އަހަރު ހުޅުވިތަނެކެވެ. އެތަން ތަޅާލައި ހަދަން ފެށީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.