ސިނގިރޭޓު ފޮއްޓެއްގެ އަގު 100 ރުފިޔާއަށް ބޮޑުވެއްޖެއެވެ.

ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާފައި ވާއިރު ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 200 ޕަސެންޓެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 25 ޕަސަންޓެވެ.

އެގޮތުން މިއަދުން ފެށިގެން ސިނގިރޭޓު ފޮއްޓެއް ލިބޭނީ 100 ރުފިޔާ އަށެވެ. ބައެއް ތަންތަނުން 95 ރުފިޔާއަށް ވެސް ސިނގިރޭޓު ފޮއްޓެއް ލިބެއެވެ. އެކި ބްރޭންޓުތަކުގެ ސިނގިރޭޓު ފޮށީގެ އަގު ތަފާތު ނަމަވެސް އާންމު އަގެއްގެ ގޮތުގައި އުޅޭނީ 95 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގައެވެ. ވަކިން ސިނގިރޭޓެއް މިހާރު ލިބެނީ 5 ރުފިޔާއަށެވެ.

ރޭ ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު ވިދާޅުވީ މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބިފައިވަނީ ސިނގިރޭޓުން ނެގޭ ޑިއުޓީން ކަމަށް ޒުބައިރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ތިންބައިކުޅަ އެއްބައި އާމްދަނީ އަކީ ސިނގިރޭޓުން ލިބޭ ޑިއުޓީ ކަމަށް ޒުބައިރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޒުބައިރު ވިދާޅުވީ ސިނގިރޭޓުން ނަގާ ޑިއުޓީއަށް ގެނެވުނު ބަދަލާ އެކު އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް 500 މިލިއަނާ ގާތްކުރާ އަދަދެއްގް ސިނގިރޭޓް އިމްޕޯޓް ކުރާ އިރު 125 މިލިއަން ބިޑި އެތެރެ ކުރެއެވެ. ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް 550 މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ އާމްދަނީއެއް ސަރުކާރަށް ލިބެއެވެ.