ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކު އުޅުން މަޖުބޫރު ކޮށްފައިވާއިރު، މާސްކު ނާޅާ ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅަން ފަށާނީ މިއަދުން ފެށިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެޗްޕީއޭގެ އަންގާފައިވާ އެންގުން މިއަދުން ފެށިގެން ތަންފީޒު ކުރަމުންދާނެ ކަމަށެވެ. މާސްކް ނާޅާ ބޭރުގައި އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް މިހާތަނަށް ނިންމާފައިވާ ގޮތަކީ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
މާލެ، ހޅުމާލެ އަދި ވިލިމާލޭގައި ބޭރަށް ނިކުމެ އުޅޭއިރު އަޅަން ޖެހެނީ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށެވެ. އެގޮތުން ބޭރުގައި އުޅޭއިރު މަސްކު އެޅުމުން އިސްތިސްނާވާ ބަޔަކު އުޅެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކު އަޅާއި މާސްކު ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރުމަށް ނިކުމެ އުޅޭ ވަގުތު ކަސްރަތު ކުރާ މީހުންނެވެ.
މާސްކު އަޅާއިރު، މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެއީ އަމިއްލަ ރައްކާތެރި ކަމަށްޓަކައި ހުރުން ލާޒިމް ސިފަތަކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
މާސްކް އެޅުން މަޖުބޫރު ކޮށްފައި ވާއިރު، ޒަރޫރީ ބޭނުމަށް ނޫނީ ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. އެގޮތުން ރެއިން ފެށިގެން ފުލުހުން ދަނީ އެކަން ވެސް ތަންފީޒު ކުރަމުންނެވެ. މިވަގުތުގައި ހުއްދަ ނުހޯދާ ބޭރުގައި އުޅޭ ނަމަވެސް 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
މާސްކް ނާޅާ ބޭރުގައި އުޅޭ ނަމަ ޖޫރި މަނާ ކުރުމަށް ނިންމާފައި ވާއިރު، މާސް އެޅުން މަޖުބޫރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނެޝަނަލް ޓާސްކް ފޯހުގެ ބައްދަލުވުމުގައެވެ. އެގޮތުން މިކަން އާންމުކޮށް ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ އެހެން މީހުންނާއި ތިމާގެ ރައްކާތެރިކަމަށްޓަކައި މާސްކު އެޅުން މަޖުބޫރުކޮށް، ކޮންމެހެން ދާން ޖެހޭ ތަނަކަށް މެނުވީ ނުދިއުމާއި، ކޮންޓެކްޓްވާ މީހުންގެ އަދަދު މަދުކުރުމާއި އެކު ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.