ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރި ދެ ފިހާރައަކާއި ބޯކޮށާތަނެއް އިއްޔެ ބަންދުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭން ބުނީ، އާންމު ހިދުމަތްދޭ ތަންތަނނުން އަމަލު ކުރަނީ އެ އެޖެންސީން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް ހިންގަމުންދާ އިންސްޕެކްޝަންގެ ތެރެއިން އިއްޔެ 35 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން 3 ތަނެއް ވަގުތީ ގޮތުން ބަންދު ކުރުމަށް އަންގާފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
މި އިންސްޕެކްޝަންގެ ތެރެއިން އެޗްޕީއޭން ވަނީ މިދިޔަ ބުދަ އަދި ބުރާސްފަތު ދުވަހު 151 ތަނަކަށް ޒިޔާރަތްކޮށްފައެވެ. އަދި މި ތަންތަނުގެ ތެރެއިން އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާ 77 ތަނެއް ވަގުތީ ގޮތުން ބަންދު ކުރުމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓާރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ތަފީގު ވިދާޅުވީ ވިޔަފާރިތައް ހުއްޓުވަން ބޭނުން ނުވާ ކަމަށާއި ވިޔަފާރިތައް ހިންގައިގެން އިގްތިސާދު ކުރިއަށްދާނެ ނަމަވެސް އާ އާންމު ހާލަތުގައި ވިޔަފާރިތައް ކުރިއަށް ގެންދަންޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށް ބުނެފައެވެ.
އޭގެ އިތުރުން އެޗްޕީއޭން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.