ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު އައްޑޫ ސިޓީ ހިތަދޫގައި ރޭޕް ކޮށްފައި ވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު ރެޕޯޓު ކުރި އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރި ނަމަވެސް މިހާރު މައްސަލަ ބަލަމުން ދާ ކަމަށެވެ.

އުމުރުން 48 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ ރޭޕް ކުރި ކަމަށް ވަނީ ޒުވާނެކެވެ. އަދި އެކަން ކުރި މީހާ އެކަމަށް އިއުރިރާފު ވާކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ އިރު، ޖިންސީ ގޯނާއާއި، ފުރައްސާރައިގެ އިތުރުން ރޭޕް ގެ މައްސަލަތަކަކީ، ރާއްޖޭގައި ގިނަ ވަމުން ދާ މައްސަލަތަކެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި، ފުރައްސާއިގެ މައްސަލަތައް އިތުރުކަން ފާހަގަ ކުރެވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 158 މައްސަލަ ހުށަހަޅާފައި ވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން 2017 ވަނަ އަހަރުން ފެށިގެން މި ހިނގާ ޖުލައި މަހުގެ 16 އާ ހަމައަށް ފުލުހުނަށް ހުށަހަޅާފައިވާ މައްސަލަތައް ދައްކާ ގޮތުން، "ސެކްޝުއަލް އެބިއުސް" ނުވަތަ ޖިންސީ ގޯނާ ކޮށްގެން 2017 ވަނަ އަހަރު، 263 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށާއި 2018 ވަނަ އަހަރު 250 މައްސަލަ އަކާއި 2019 ވަނަ އަަހަރު، 256 މައްސަލައެއްގެ އިތުރުން މި އަހަރުގެ މިހާތަނަށް 158 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ޖިންސީ ޝިކާރައަށް ވާ މީހުންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމެނޭ އިރު، ނުކުޅެދުންތެރިކަން ހުރި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ) އަށް ދައުވާ ކުރުމަށް މިދިޔަ ބުދަދުވަހު ފޮނުވާފައި ވާ މައްސަލައެއްވެސް ފާހަގަ ކުރެވެއެވެ.