އަދުގެ ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ޓްރެފިކިންގް ނުވަތަ އިންސާނީ ވަގުފާރިއާ ދެކޮޅަށް ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ދީފައިވާ ޔަގީންކަން، ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާއިން ތަކުރާރު ކުރައްވައިފިއެވެ.
ދިވެހި ރާއްޖޭގެ ދިފާއީ ވުޒާރާއިން މި ޔަގީންކަން ތަކުރާރު ކުރައްވާފައިވަނީ، އިންސާނީ ވަގުފާރިއާއި ދެކޮޅަށް ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެ ވުޒާރާއިން މިއަދު އާންމު ކުރި ބަޔާނުގައެވެ.
އިންސާނީ ވަގުފާރީގެ ގޮތުގައި ބަލަނީ، އޮޅުވާލުމާ މަކަރުގެ އިތުރުން ބިރު ދައްކައިގެން އެއްތަނުން އަނެއް ތަނަށް އިންސާނުން ބަދަލު ކުރުމާ، ތަނެއްގައި ގެންގުޅުމާ، އެ ފަދަ މީހުން ބަލައިގަތުން ކަމަށްވާއިރު، އިންސާނީ ވަގުފާރިއަކީ އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފިޔަވަޅުތަކެއް އަޅަންޖެހޭ ވަރުގެ ބޮޑު ޖަރީމާއެއް ކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. ދުނިޔޭގެ އަދުގެ ހާލަތަށް ބަލާއިރު 24 މިލިއަނެއްހާ މީހުންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ކަމަށް ވާއިރު، މި ވަބާއިން ސަލާމަތްވެފައިވާ ހަމަ އެއް ގައުމެއްވެސް ނެތްކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ.
މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ވަގުތަކަށް ވާއިރު، އިންސާނީ ވަގުފާރިއާއި ގުޅުންހުރި ކަންކަމަށް ރިއާޔަތް ކުރުމަށް އޮތް ދަތިތައް، އިތުރު ތަކުލީފަކަށް ވެފައިވާކަމަށް ދިވެހި ދިފާއީ ވުޒާރާއިން ސިފަކުރެއެވެ. ކޮވިޑް-19އާއެކު ނާޒުކު ހާލުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މިއީ އިންސާނީ ވަގުފާރީގެ ޖަރީމާ ހިންގާ ފަރާތްތަކަށް ތަނަވަސްވާ ފުރުސަތެއްކަންވެސް އެ ބަޔާނުގައިވެއެވެ. ނަމަވެސް ދިވެހި ސަރުކާރު ދެމި އޮތީ މައިގަނޑު 5 ނުކުތާގެ މައްޗަށް އެކުލެވޭ ޝިއާރުގެ ދަށުން އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ކަމަށް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. މި 5 ނުކުތާ އަކީ ސިޔާސަތުތަކާ، ހިމާޔަތް ދިނުމާ، ޝަރީއަތް ހިންގުމާ، އެފަދަ ޖަރީމާތައް ހުއްޓުވުމާ، ގުޅުންތައް ގާއިމު ކުރުމުގެ މައްޗަށް އެކުލެވޭ 'ފައިވް-ޕީ' ނުވަތަ ޕޮލިސީ، ޕްރޮޓެކްޝަން، ޕްރޮސެކިއުޝަން، ޕްރިވެންޝަން އަދި ޕާޓްނާޝިޕްއެވެ.
އިންސާނީ ވަގުފާރިއާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާފައިވާ މުއާހަދާތަކެއް ދިވެހިރާއްޖެއިން ބަލައިގެންފައިވާއިރު، އެ އިމުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށްވެސް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. އަދި 2 އަހަރެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު، މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ގައުމީ ހިންގާ ކޮމިޓީގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަންވެސް ދިފާއީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ހަމަ މިއާއެކު ސަރަހައްދީ އިން ހުރަސްކޮށް، ވަގުފާރި ހުއްޓުވުމަށްވެސް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.
ދިވެހި ރާއްޖެ ދެމިއޮތީ ވަގުފާރީގެ ޝިކާރައަކަށް ވާ މީހުންނަށް ހިމާޔަތާ، ރައްކާތެރިކަމާ، އިންސާފު ކަށަވަރު ކޮށްދިނުމުގެ މަތީގައި ކަންވެސް ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ. އެގޮތުން އެންޓި ހިއުމަން ޓްރެފިކިންގް އެކްޓްގެ ދަށުން ހިންގަންޖެހޭ މަޝްރޫއުތަކަށް، ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން ފަންޑު ހަމަޖެހިގެން ކުރިއަށްދާކަންވެސް ދިފާއީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ، އެގޮތުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ގްރޭޓާ މާލޭ ސަރަހައްދުގައި މަޝްރޫއެއް ހިންގަމުންދާ ކަމަށާ، އަންހެނުންނާ ކުޑަކުދިންނަށް ވަކިން ހާއްސަ ސަމާލުކަމެއް މިމަޝްރޫއުގެ ދަށުން ދެވޭނެ ކަމަށްވެސް އިންސާނީ ވަގުފާރި ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެން ދިފާއީ ވުޒާރާއިން އާންމު ކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.