ބަރުލަމާނީ ނިޒާމުގެ ވާހަކަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރު ކުރައްވައިފިއެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެގޮތުން އަނެއްކާ ވެސް ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަތައް ތަކުރާރު ކުރެއްވީއެވެ.
ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތާއާއީދު ކުރައްވަނީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ގައުމުގައި އޮންނާނީ ރިޔާސީ ނިޒާމެއްކަމަށް ރައްޔިތުން ނިންމާފައި ކަމަށެވެ. އަދި އެއްވެސް ޒަމާނެއްގައި އެކަން ކުރަން (ވެރިކަމުގެ ނިޒާމު ބަދަލު ކުރަން) ބޭނުން ނަމަ ދެން ވެސް ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން "އާސްކް ސްޕީކާ" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމު އަތުވެއްޖެނަމަ އެމަނިކުފާނެ ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށް އޭރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެކަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށް ނުވާނެ ކަމަށާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީންވެސް އެގޮތަށް ނިންމަން ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވާ ގޮތުގައި ނިޒާމަށް ބަދަލެއް އަންނަން ޖެހެނީ ކޮން ވަގުތަކުކަން ނިންމާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަދި ޕާޓީގެ އެކިއެކި ފަރާތްތަކާ އަދި ރައްޔިތުންނާވެސް މަޝްވަރާ ކުރައްވާފައެވެ.
އޭގެ އިތުރުން ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެމްއޯޔޫގައެއްގައި ސޮއިކޮށްފައިވެސް ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުންވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވާ މަގިފަހިވެގެން ދާނެ ކަމަށެވެ.
ރާއްޖޭގައި އޮނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވަވޯޓެއް 2007 ވަނަ އަހަރު ވަނީ ނަގާފައެވެ. އަދި ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
ރައީސް ނަޝީދަކީ ތުއްޕުޅު އިރުއްސުރެ ބަރުލަމާނީ ވިސްނުން ގެންގުޅުއްވާ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.