ކޮވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން އެދިއްޖެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 ދެނެގަތުމަށް ޓެސްޓު ހެދުމަށް މިހާރު ހަމަޖެހިފައި ވަނީ ކޮވިޑް ކޮންޓްރޯލު ކުރުމަށާއި ބަލިދެނެގަނެ ފަރުވާގެ ކަންތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަނޑައެޅިފައި ވާ ނެޝަނަލް ސަވައިލަންސް އެންޑް ރެސްޕޮންސް ނިޒާމުގައި ކަނޑައަޅާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން ކޮވިޑް ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައި ވަނީ ޕީސީއާރް ޓެސްޓް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޕީސީއާރު ޓެސްޓު ހެދޭނީ ނެޝަނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުން ކަމަށް ވެސް މިނިސްޓްރީގެ އެ ސާކިއުލާގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި ކޮވިޑް އަށް ޕީސީއާރް ޓެސްޓް މިހާރު ހަދަމުން ދަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ލެބޯޓްރީތަކުގައާއި އެ ޓެސްޓު ހެދުމަށް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ލެބޯޓްރީތަކުން ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑްގެ އެންޓިބޮޑީ ޓެސްޓަކީ ކޮވިޑްގެ ސާވައިލަންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫންކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިދުވަސްވަރު ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން އެ ޓެސްޓު އަމިއްލައަށް ހަދަމުން ގެންދާކަން މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެގޮތަށް އެންޓިބޮޑީ ޓެސްޓު ހަދައި ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާ ކަން ފާހަގަ ކުރަމުން މިނިސްޓްރީން ބުނީ ކޮވިޑް ކޮންޓްރޯލު ކޮށް ބެލެހެއްޓުމުގެ ނިޒާމުން ބޭރުން އެފަދަ ޓެސްޓު ހެދެމުން ދިއުމަކީ އެޓެސްޓް ހަދާ ފަރާތްތަކަށް އޮޅުންތައް އަރާނެކަމެއް ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް އިން ރައްކާތެރި ކުރުމަށާއި ބަލިޖެހޭ ފަރާތްތަކާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ބުރު އަރާ ދަތިތަކަކާ ކުރިމަތިވާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ކަމުން އާންމުންގެ މެދުގައި ކޮވިޑް ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އެހެންނަމަވެސް އެންޓިބޭޑީ ޓެސްޓު ހަދަން ޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ އެޗްޕީއޭއިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ރިސާޗް ބޭނުމަށް އެފަދަ ޓެސްޓް ހަދާނަމަ މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ހެލްތު ރިސާޗް ކައުންސިލަށް ހުށަހެޅުމަށްފަހު ކުރިއަށް ގެންދެވުމަށް ވަނީ އެދިފައެވެ.