ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެކެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ބަޔާންކޮށްފައިވާ ފަދައިން ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ކޮވިޑު ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށް ފާހަގަކޮށް އެކޮމިޝަނުން ބުނީ އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެ ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅެއް ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެޗްޕީއޭއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މާލޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާއިރު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން "އެންމެން އެއް އަޑަކުން" ނަމުގައި މާލޭގައި މަގުމަތީގައި އަންނަނީ ކޮންމެ ރެއަކު މުޒާހަޒާ ކުރަމުންނެވެ.

އިއްޔެ ބަލި ޖެހުނު މީހުންގެ އަދަދު 137 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.