އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 9 ޕްރޮޖެކްޓަކަށް ބޭނުންވާ 85 މިލިއަން ރުފިޔާގެ ފައިސާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ 85 މިލިއަން ރުފިޔާގެ އެހީ މިއަދު ހަވާލުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އިންޑިއާއިން ދިން އެހީގެ ފައިސާ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 ޕްރޮޖެކްޓަކީ:

  • އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރުމުގެ މަޝްރޫ،
  • އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީ ކުރުމުގެ މަޝްރޫއު،
  • ހއ. ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ ޕްރޮޖެކްޓް އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އެޗް.އައި.ސީ.ޕީ.ޑީ އާއި ގުޅޭ ބައިލެޓަރަލް އެމް.އޯ.ޔޫ ގައި ސޮއި ކުރެވިފައި ވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގައި އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެޕެއާޒް މިނިސްޓަރ އަލްމަރްހޫމާ ސުޝްމާ ސްވަރާޖް ކުރެއްވި ދަތުރުފުޅުގައެވެ.

އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ އަދި ހޯރަފުށީގެ މަޖިލިސް މެމްބަރުންނާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި އައްޑޫ ސިޓީ މޭޔަރާއި، ހޯރަފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ރައީސް އޮފީހުގެ އޮފިޝަލުންނާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އޮފިޝަލުން ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.