ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރި ވުމަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނަށް 1000 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ފިނޭން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަމިއްލަ މަސައްކަތްކުރާ 1277 މީހުން ވަނީ ލޯނަށް އެދިފައެވެ. އޭގެ ތެރެއިން 460 ލޯނަށް ހުއްދަ ދެވުނު އިރު 347 ފޯމު ބާތިލް ކުރެވިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް 375 ލޯނު ދޫކޮށްފައިވާއިރު އެލޯނަށް ޖުމްލަ 11.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން 1578 ވިޔަފާރިއަކުން ލޯނަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 1183 ވިޔަފާރިއަކަށް ވަނީ ހުއްދަ ދެވިފައެވެ. އަދި އަދި 54 ވިޔަފާރިއެއްގެ ހުށަހެޅުން ވަނީ ބާތިލް ކޮށްފައި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާތަނަށް 928 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާއިރު ޖުމްލަ 1608 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.