ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަކީ އެ އިދާރާގެ ތާރީހުގައިވެސް އިއުލާން ކުރި އެންމެ ގެއްލުން ބޮޑު ސިއްހީ ކުއްލި ނުރައްކާލުގެ ބަލިމަޑުކަން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާލުވެއްޖެއެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޑަބްލިއުއެޗްއޯގެ ކުއްލި ނުރައްކާތަކާ ބެހޭ ކޮމިޓީޣެ މުރާޖައާ ބައްދަލުވުންތަކެއް މި ހަފުތާ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން މިހާތަނަށް ސިއްހީ ކުއްލި ނުރައްކާ އިއުލާންކޮށްފައިވަނީ 5 ފަހަރެއްގެ މަތިންނެވެ. އެއީ 2 ފަހަރެއްގެ މަތިން އެބޯލާ ރޯގާއާއި ގުޅިގެންނާ، ޒިކާ، ޕޯލިއޯ އަދި ސްވައިން ފްލޫއާއި ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ.

ކޮވިޑް-19ގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، މިއީ މުޅި ދުނިޔެ ބަދަލުކޮށްލި ބަލިމަޑުކަމެއް ކަމަށެވެ. ކޮވިޑް-19އާއެކު އާބާދީތަކާ ގައުމުތައް އެއްބައިވަންތަ ކުރުވިއިރު، އަނެއް ބަޔަކު ބައިބައި ކުރުވި ކަމަށްވެސް ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 16.6 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި 656673 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ކޮވިޑް-19ގެ ކޭސްތަކަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ބަލީގެ ކޭސްތައް ފާއިތުވީ 6 ވަރަކަށް ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 2 ގުނަ ވެފައި ވާކަމަށެވެ. ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔެއިން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރިއަށްވެސް އޮތީ ދިގު ރާސްތާއެއް ކަމަށްވެސް ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެންމެ ބޮޑު ބަދަލެއް އައީ ދަތުރުފަތުރު ކުރުމުގެ ސަގާފަތަށް ކަމަށްވާއިރު، މިވަގުތަށް ތަންފީޒު ކުރަމުންދާ ހުރަސްތަކަކީ ދާއިމީ ޖަވާބު ނޫންކަން ޑަބްލިއުއެޗްއޯއިން ފާހަގަކުރެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އާ އިސްތިރާޖުތަކެއް އެކުލަވާލާ، އެކަމަށް އަހުލުވުމަށްވެސް ޑަބްލިއުއެޗްއޯއިންވަނީ ގޮވާލާފައެވެ.

ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާލުވީ، މުއްދަތެއް ނެތް ގޮތަށް ގައުމުތަކުގެ ބޯޑަރު ބަންދުކޮށްގެން އަބަދު ނުތިބެވޭނެ ކަމަށަ، އިގުތުސޯދުތައް ހުޅުވާ، ދިރިއުޅުމުގެ މަސައްކަތައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ. ނަމަވެސް ބަލިމަޑުކަން އިތުރުވަމުންދާ ސަރަހައްދުތައް އަލުން ލޮކްޑައުންއަށް ދާންޖެހޭނެ ކަންވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.