ކޮވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވެފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއެކު ވާޗުއަލްކޮށް ފޮރިން މިނިސްޓްރީއިން މިއަދު ބޭއްވި ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންވެ.
އެގޮތުން ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ހުރިހާ މައްސަލަތައް ހައްލު ކުރެވޭނީ ހުރިހާ ގައުމެއް އެކުގައި ކުރެވޭ މަސައްކަތުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސަބަބުން އިގްތިސާދަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި ބޯޑަރު ހުޅުވާލުމާއެކު ގެއްލުމުން އަރައިގަތުމަށް ވީހާވެސް ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން މުހިއްމު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށް ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ރިސެޕްޝަނުގައި ރައީސް ވަނީ ރާއްޖެއަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދިން އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައާ ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތް ކުރުމަކީ މައިގަނޑު އަސާސު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ވީހާވެސް ގިނަ ޓޫރިސްޓުން ރާއްޖެ އައުމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެހެން ގައުމުތަކުގެ އެހީތެރިކަން އެކަމުގައި ބޭނުންވާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.